މާޗުގެ ކުރިން ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ: ނަޝީދު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޯގަސްޓްގައި ބާއްވައިފި ނަމަ ގަބޫލު ނުކުރައްވާނެ ކަމަށާއި ބޭނުންފުޅުވަނީ މާޗް މަހުގެ ކުރިން ރިޔާސީ އިންތިހާބެއް ބާއްވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އުތުރު ދަތުރުގައި ކަމުގައި ށ. ޅައިމަގުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ މިގޮތަށް ރާއްޖެ ކުރިޔަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އަންނަ އަހަރުގެ އޯގަސްޓާ ހަމައަށް ސަރުކާރުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކަމެދު ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑަކަށް ނުވިސްނޭ މިގޮތަށް މިރާއްޖެ ކުރިއަށް ގެންދެވިދާނެ ކަމަކަށް. މާދަމައަށް ބެލިއަސް ވެސް މިއަންނަ މަހަށް ބެލިއަސް ވެސް ހަގީގަތުގައި މާލިއްޔަތުގަ ނެތް މުސާރަ ދެވޭނެ މިންވަރުވެސް." ކުރީގެ ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ބޭފުޅުން މިހާރު ވާހަކަފުޅު ދައްކަވާ ކަމަށާއި އެގޮތަށް ކަންތައް ހިނގާއިރު ރައީސް ވަހީދުގެ ސަރުކާރު ދެމި އޮންނާނީ ކޮންގޮތަކުންކަން އެގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ވީއެންމެ އަވަހަކަށް އިންތިހާބު ބޭއްވުން މުހިއްމު އިރު އަންނަ މާޗުގެ ކުރިން އިންތިހާބު ބާއްވަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ