ކަން ހިނގަމުންދާގޮތް ރައްޔިތުން ވިސްނުންތެރިކަމާއެކު ބަލަންޖެހޭ: ޤާސިމް

ރާއްޖޭގެ ސިޔާސީ މަސްރަހު ދުވަހަކުވެސް ހޫނު ނުވާވަރަށް މިހާރު ހޫނުވެފައިވާ ކަމަށާއި، ނަގާކިޔާ ދެޕާޓީއެއް އޮންނައިރު ޤައުމުގެ ކަންކަން މިހިނގަނީ ކިހިނެއްކަން ވަރަށް ވިސްނުންތެރިކަމާއެކު ރައްޔިތުން ބަލަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ 3 ރަށަކަށް ނިސްބަތްވާ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ވަކިބަޔަކާ ވާދަކުރުމަށް މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އެޕާޓީގެ ޚިޔާލާއި ފިކުރަކީ ޤައުމު އަމާންކަމާއިއެކު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން އެޕާޓީގައި ބައިވެރިވުމަކީ ޕާޓީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ޕާޓީ ޒުވާންވެގެން އަންނަކަމުގެ މިސާލެއް ކަމަށް އަމީން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަކީ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި، ޒުވާނުންނަށް އެކި ދާއިރާތަކުން ޤާސިމް އެހީތެރިވެ ވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީންގެ ވާހަކަފުޅުގައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްހޫރީ ޕާޓީން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމާއި، އެގޮތުން "ޖުމްހޫރީން ފަތު އަޑުގައި" މިނަމުގައި ހިންގަމުންދާ ކެމްޕެއިން ލ.މާމެންދޫ، ގދ.ނަޑެއްލާ، އަދި ފުވައްމުލަކުގެ އިތުރުން ނ، ރ، ބ މިއަތޮޅުތަކުގައި ކުރިޔަށް ގެންދާ ކަން ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ހައްދުންމަތީ މާބައިދޫއާއި ގަމުގެ އިތުރުން، އެއަތޮޅު ދަނބިދޫގެ 60 ޒުވާނުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.
ޖުމްހޫރީ ޕާޓީއަށް ތާއީދުކޮށް، އެޕާޓީއާ ގުޅުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިހާރު ރާއްޖޭގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ ވިންދު އެންމެ ގާތުން އެނގިވަޑައިގަންނަވާ ބޭފުޅަކަށް ޤާސިމް އިބްރާހިމް ވެވަޑައިގަންނަވާތީ ކަމަށް މިރޭ އެޕާޓީއަށް ސޮއި ކުރި ޒުވާނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ