ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައެއް އޭސީސީ އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ތުހުމަތުތަކެއްކޮށް، އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އޮއްވައި، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށް އެކަން ބަލައިދިނުމަށް އޭސީސީ އަށް ހުށަހަޅައިފި އެވެ. ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އޭނާ ދާދިފަހުން ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރެއްގެ ދެކޮޅު ޓިކެޓަށް ބައި ލައްކަ ރުފިޔާ އެރި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކޮށްފައިވާ ތުހުމަތެކެވެ. ފަނޑިޔާރު އަލީ ހަމީދު ޗައިނާ އަށް ކުރެއްވި ދަތުރަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެ މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ބަލަމުންދާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި އޭސީސީ އަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ ރަސްމީ ދަތުރެއްގައި ފަނޑިޔާރު އަލީ ހަމީދު ޗައިނާ އަށް ވަޑައިގެންފައި ވަނީ، ސްރީލަންކާ އާއި މެލޭޝިޔާ އަށް ވެސް ވަޑައިގަތުމަށްފަހު އެވެ. އަދި އެނބުރި މާލެ ވަޑައިގެންފައި ވަނީ ވެސް މެލޭޝިޔާ އާއި ލަންކާ އަށް ވަޑައިގަތުމަށްފަހު ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. ދައުލަތުން ހަރަދުކޮށްގެން އަލީ ހަމީދު ވަޑައިގެންނެވި ޗައިނާ ދަތުރުގެ ދެކޮޅު ޓިކެޓަށް ބައި ލައްކަ ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ. މާލެއިން ޗައިނާ އަށް ދަތުރު ކުރުމަށް ޑައިރެކްޓް ފްލައިޓް ވެސް މިހާރު ހަމަޖެހިފައި އޮވެ އެވެ. އެގޮތުން ޗައިނާގެ ބެއިޖިންގަށް ދަތުރުކުރާ ނަމަ ދެކޮޅު ޓިކެޓަށް އަރަނީ 1،080 ޑޮލަރު ( 16،686ރ.) އެވެ. މި މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ހަވީރަށް ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ ފަނޑިޔާރު ހަމީދު ޗައިނާ އަށް ވަޑައިގެންފައި ވަނީ އިންޓަނޭޝަނަލް ކައުންސިލް އޮފް ޖޫރިސްޓްސްގެ ދައުވަތަކަށް ކަމަށެވެ. އެ ދަތުރުގެ ޓިކެޓާއި އެހެނިހެން ހަރަދުތައް ކޯޓުން ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީ އަށް ލިޔެ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ ކޯޓުން ބުނެފައިވެ އެވެ. އެފަދަ ދަތުރުތަކުގެ ފިނޭންސް މިނިސްޓްރީން ހުއްދަ ދެނީ އެ ދަތުރަކަށް ބަޖެޓުގައި ހިމެނިފައިވާ މިންވަރަށް، މިނިސްޓްރީން ހުއްދަ ދެމުން ގެންދާ އުސޫލާ އެއްގޮތަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އަދި އެފަދަ ހަރަދުތައް ކުރުމުގައި ފަނޑިޔާރުންގެ އެއްވެސް ދައުރެއް ނޯންނަ ކަމަށް ވެސް އެ ކޯޓުން ބުނެ އެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ބުނެފައި ވަނީ އަލީ ހަމީދު ދަތުރުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 17- 23 އަށް ކަމަށެވެ. އަދި ހަމީދު އެ ދަތުރަށް ފުރާވަޑައިގަތީ ޑިސެމްބަރު ،15 2010 ގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް އޭގައި ވެ އެވެ. އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ހަވީރުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި، އެ ދަތުރުގެ ހަރަދުގެ ތަފުސީލުތައް ހޯދަން އެދުނު ނަމަވެސް ސުޕްރީމު ކޯޓުން ފޮނުވި ލިޔުމުގައި އެ ތަފުސީލުތަކެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ