މާކުރަތު އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރުމުގެ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށް ރަށު ކޯޓުން ހުކުމްކޮށްފި

ރ. މާކުރަތު އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރުމަށް އެ ރަށު ކައުންސިލާއި ޔުޓިލިޓީސް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. އެ ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެ އެއްބަސްވުމަކީ ބާތިލް އެއްޗެއްކަމަށް ކަނޑައަޅައި އެ ރަށު އިންޖީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް އަމުރުކޮށް ދިނުން އެދި އެ ރަށު ސަމާހިޔާ އަހުމަދު އާދަމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ރަށު އިންޖީނުގެ ޔުޓިލިޓީސް އާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި 104 ވޯޓް ލިބިގެންނެވެ. ޖުމުލަ 149 މީހުން ހާޒިރުވި އިރު ދެކޮޅަށް ދީފައި ވަނީ ތިން ވޯޓެވެ. ވަކި ކޮޅަކަށް ވޯޓު ނުދޭ 42 މީހުން ތިއްބެވެ. އިންޖީނުގެ ޔޫޓިލިޓީސްއާ ހަވާލުކުރީ އޭގެ ފަހުން ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ