ހައިކޮމިޝަނަރުގެ ކާރުކޮޅަށް ދެވުނު ހަމަލާއަކީ ކުރިމަތިވި ލަދެއް: ގާސިމް

އިންޑިޔާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަ ރާޖީވް ޝަހާރޭގެ ކާރުކޮޅަށް ރޭ ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.
ހައި ކޮމިޝަނަރުގެ ކާރުކޮޅަށް ހަމަލާދިނުމާއި ގުޅިގެން ގާސިމް ނެރުއްވާފައިވާ ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންގެންދާއިރު، އަދި އިންޑިޔާއަކީ ދިވެހި ގައުމަށް ދިމާވި އެކިއެކި ހާދިސާތަކުގައި މިގައުމަށް އެހީތެރިވި ދީލަތި ގައުމަކަށް ވީހިނދު، އިންޑިޔާ ހައިކޮމިޝަނަރު ކާރުކޮޅަށް ރޭ ދީފައިވާ ހަމަލާއަކީ ދިވެހި ރައްޔިތުންގެ މެހްމާންދާރީ އަދާކުރުމުގެ ގުޅުން ދެމެހެއްޓުމުގެ ފަޚްރަށް ކުރިމަތިވި ލަދެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތީން ބޭރު ދުނިޔޭގެ ގައުމުތައް ދިވެހިރާއްޖޭގައި ތަމްސީލްކުރައްވާ ފަރާތްތަކަށް ހަމަލާދިނުމާއި ގޯނާކުރުމާއި ބިރުދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ އަމަލުތަކެއް ކަމަށާ މިއީ ދިވެހި ގައުމުގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުންވެސް ބަލައިގަންނާނެ އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ނާތަހްޒީބު ޢަމަލުތަކެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ގައުމުގެ އަގުވައްޓާލައި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ނަން ކިލަނބުކޮށްލުމަށް ހިންގަމުންދާ މިފަދަ ނާތަހްޒީބު ޢަމަލުތަކުން ދުރުވެތިބުމަށް މިފަދަ ކަންކަން ރާވާ ހިންގާ ކޮންމެ ފަރާތަކަށްވެސް އިލްތިމާސްކުރައްވާ ކަމަށާ މިފުރުސަތުގައި ދިވެހި ރައްޔިތުން ކެތްތެރިވުމަށް އިލްތިމާސްކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިންޑިޔާ ސަރުކާރާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް މިފަދަ އަމަލުތަކުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރަމެވެ" ގާސިމްގެ ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
އިންޑިޔާ ސަފީރު ރާޖީވް ޝަހާރޭގެ ކާރުކޮޅަށް ރޭ ހަމަލާދިނުމާއި ގުޅިގެން އިންޑިޔާ ހައިކޮމިޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ކުރީގެ ރައީސް މައުމޫނާއި ނަޝީދުގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް ދަނީ އެކަން ކުށްވެރިކުރަމުނެވެ.
މިމައްސަލާގައި ރައީސް އޮފީހުން ބުނެފައިވަނީ މިއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި، މި އަމަލު ތަހުގީގު ކުރައްވައި، މިކަން ކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ވަރަށް އަވަހަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅުއްވާ ބޭރުގެ ޑިޕްލޮމެޓުންނަށާއި، މުދަލަށް ގެއްލުންވާފަދަ މިފަދަ ގާނޫނާ ހިލާފު އަމަލުތައް ދިވެހި ސަރުކާރުން އެއްގޮތަކަށްވެސް ބަލައިނުގަންނާނެ ކަމަށާއި ރާއްޖޭގައި އުޅުއްވާ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ އެ ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުންނާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާޅުކޮށްފައިވާ ހަމްދަރުދީގެ ޝުއޫރުތަކަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ