ފުލުހުންގެ ތެރެ އަށް ފައިސާގެ ނުޒޫޒު ވަނުމުގެ ޒިންމާ ރައީސާއި އުމަރު ވެސް ނަންގަވަންޖެހޭ: އެމްޑީޕީ

ސިފައިންނާއި ފުލުހުންގެ ތެރެ އަށް ފައިސާގެ ނުފޫޒު ވަދެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު އެކަމުގެ ޒިންމާ ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ނަންގަވަންޖެހޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ. ސިފައިންނާއި ފުލުހުންގެ ތެރެ އަށް ފައިސާގެ ނުފޫޒު ވަދެފައިވާ ކަމަށާއި އެކަމަކީ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމުގެ ޒިންމާ ރައީސް ޔާމީނާއި އުމަރު ވެސް ނަންގަވަންޖެހޭނެ ކަމަށެވެ. ރައީސް ޔާމީން އެކަމުގެ ޒިންމާ ނަންގަވަންޖެހޭ ސަބަބަކީ އެ މަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ ހުރިހާ ބާރެއް މުށު ތެރެ އަށް ލައްވައިގެން ޚުދު މުޚުތާރުކޮށް ކަމަށް، އަދި އެ މަނިކުފާނު ބޭނުންފުޅު ގޮތަކަށް ކަމަށްވާތީ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. ހޯމް މިނިސްޓަރު އުމަރަށް ރާއްޖޭގައި އަމާންކަން ގާއިމްކޮށް ނުދެވި، ބޮޑެތި ޖަރީމާތައް ބަލައި ތަހުގީގު ކުރެވިފައިނުވާތީ އުމަރާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ އިތުރުން ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައިގެ ތަހުގީގު ރަނގަޅަށް ކުރެވިފައިނުވާ ކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ބޮޑެތި އިލްޒާމްތަކެއް އެޅުވުމަށް ފަހު ވަޒީރުކަން ލިބުމުން އެއިން އެއްވެސް މައްސަލައެއް ބަލާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އުމަރަކީ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލި، ސިޔާސީ ބޭނުމެއްގައި ފަހުން އެ ދައުވާ އަނބުރާ ގެނެސްފައިވާ ބޭފުޅެއް ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ބަޔާނުގައި ގޮވާލާފައިވަނީ ސަލާމަތީ ބާރުތަކުގެ ތެރެ އަށް ފައިސާގެ ނުފޫޒު ވަދެފައިވަނީ ރައީސް ޔާމީނާއި އުމަރުގެ ނާތަހުޒީބު އަޚުލާގުގެ ސަބަބުންނާއި ގާބިލުކަން ނެތުމުގެ ސަބަބުން ކަމަށްވާތީ ވަޒީރުކަމުން އުމަރު ވަކި ކުރުމަށެވެ. ފުލުހުންނާއި ސިފައިންގެ ތެރެ އަށް ފައިސާގެ ނުފޫޒު ވަދެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު ގައުމާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހާދިސާ އަށް ފަހު ފުލުހުންގެ އެންމެ އިސް ވެރިން ވަނީ ބަދަލުކުރައްވައިފަ އެވެ. އަދި ސިފައިންގެ ބައެއް މަގާމުތަކަށް ވެސް ބަދަލުތައް ގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ