މި ދެ ދުވަހު މޫސުން ގޯސްވާނެތީ، މީހުންނާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށް އެދިއްޖެ

މި ބޮޑު އީދު ޗުއްޓީއަށް ފަހު ކުރިއަށް އޮތް ދެ ދުވަހު ގިނަ ބަޔަކު ކަނޑުދަތުރުކުރާއިރު، އެ ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައި މީހުންގެ ނަފްސާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށް މެރިން ޕޮލިސްއިން މިރޭ އިލްތިމާސްކޮށްފި އެވެ. މެޓުން ލަފާކުރާ ގޮތުގައި މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ އެވެ. މެރިން ޕޮލިސްއިން ބުނީ މި ވިއްސާރައިގައި ވައި ބާރުވެ، ކަނޑު ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމާއެކު، ދަތުރުކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން، އެ ދަތުރެއްގެ މައުލޫމާތު އެންމެ ކައިރި ރަށެއްގައި ހުރި ފުލުހުންގެ މަރުކަޒަކަށް ނުވަތަ މެރިން ޕޮލިސް އަށް ނުވަތަ ކޯސްޓް ގާޑާ ހިއްސާ ކުރުމަށް ވެސް މެރިން ޕޮލިސްއިން އެދެ އެވެ. "ޢީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ފުރައިގެން ގޮސްފައިވާއިރު، މިރެ އާއި މާދަމާއިން ފެށިގެން ގިނަ ޢަދަދެއްގެ ބަޔަކު އެނބުރި މާލެ އަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިޔުމަށް ކަނޑު މަގުން ދަތުރު ކުރަމުންދާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުކުރުމުގައި މިފަދަ ވަގުތެއްގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ރައްޔިތުންގެ ފުރާނަ އާއި މުދަލުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މެރިން ޕޮލިސް އިން އިލްތިމާސްކުރެ އެވެ،" ފުލުހުންގެ ވެބްސައިޓްގައިވެ އެވެ. މެރިން ޕޮލިސްއިން ބުނީ ގިނަ އަދަދެއްގެ މީހުން ގޮވައިގެން ކަނޑުމަގުން ކުރާ ދަތުރުތަކާއި އެއް ރަށުން އަނެއް ރަށަށް ފެރީތަކުގައި ދަތުރުކުރާ އިރު ވެސް މީހުންގެ ރައްކާތެރި ކަމަށާއި މުވާސަލާތީ ކަންކަމަށް އިސްކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކުދި އޮޑިފަހަރާއި ޑިންގީ ފަދަ ތަކެތީގައި މަސްވެރިކަމަށް ނުކުންނައިރުގަ އާއި ދަތުރު ދިއުން ފަދަ ކަންކަމަށް ރަށްރަށުން ފުރާއިރު، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވެސް މެރިން ޕޮލިސްއިން އިލްތިމާސް ކުރެ އެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް މިދިޔަ ދެތިން ހަފުތާގެ ތެރޭގައި ވަނީ ހިނގައިފަ އެވެ. އެގޮތުން މާލެ ދަތުރުކުރާ ބައެއް ބޯޓާއި ފެރީ ފަދަ އުޅަނދުތައް އަޑިއަށް ގޮސް، ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. އެހެންވެ، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލު ކަމެއް ދޭން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ