ހުޅުމާލެ އިން ވިއްކާ ބިންތައް މާލޭގެ މީހުންނަށް ހާއްސަ ކޮށްފި

ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ހިއްކި 240 ހެކްޓަރުގެ ބިމުން ބީލަމުގެ އުސޫލުން ހަމައެކަނި މާލޭގެ މީހުންނަށް ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކުރި އިއުލާންގައި މި ބިންތައް ވިއްކަން ހުޅުވާލީ ދިވެއްސެއް ނަމަ ކޮންމެ މީހަކަށްވެސް ބިން ގަނެވޭ ގޮތަށެވެ.ހުޅުމާލެ ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއިރު ބުނީ، އެގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުގެ އިތުރުން އެފަދަ މަޝްރޫއިން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށެވެ.އެކަމަކު ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވާ ބިންތައް ހަމައެކަނި މާލޭގައި ރަޖިސްޓްރީ އޮތް މީހުންނަށް ގަނެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވާ 60 ބިން ހަމައެކަނި މާލޭ މީހުންނަށް ގަނެވޭ ގޮތަށް އުސޫލު ބަދަލުކުރި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ. އަދި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.  ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ނުވަތަ ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 9 ގަ އެވެ. އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ އެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ. ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 6.2 މިލިއަން ރުފިޔާ ޖެހެ އެވެ. ބީޗު ސައިޑުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.މީގެ ކުރިންވެސް ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހިން ގޯތި ވިއްކާފައި ވެއެވެ. އެންމެ ފަހުން ގޯތި ވިއްކީ 2017 ވަަނަ އަަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ