ޖަލަށް ލާން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އުމަރު

އޭނާ ޖަލަށް ލުމަށް ތިން ސަރުކާރުން މަސައްކަތް ކުރިކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބިލެއްދު ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ދެއްކެވި ވާހަކައެއްގެ ސްކްރީންޝޮޓު ހިއްސާކުރައްވާ އުމަރު ވިދާޅުވެފައިވަނީ، މިސަރުކާރަކީ އޭނާ ޖަލަށް ލެވޭތޯ މަސައްކަތް ކުރާ ތިން ވަނަ ސަރުކާރު ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަދި އެއްވެސް ބަޔަކަށް ކާމިޔާބެއްނުވޭ. އަދި ނުވެސްވާނެ." އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި އޭސީސީން ވަނީ ޕީޖީއަށް މައްސަލަ ފޮނުވާފައެވެ. އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކުރީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީން ހާމަކުރި ގޮތުގައި އުމަރުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ