ވީޑިއޯ އެސިސްޓަންޓް ރެފްރީ ދިޔައީ ކޮފީ އަކަށް: ގާނާގެ ކޯޗު ކުއިރޯޒް

ބޮސްޓަން, ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންގްލެންޑާ ކުޅެގެން 0-0 އިން އެއްވަރުވި މެޗުގައި ގާނާ އަށް ޕެނަލްޓީއެއް ލިބެން ޖެހުނު ދަނޑިވަޅުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ދިޔައީ ކޮފީ އަކަށް ކަމަށް ގާނާގެ ކޯޗު، ޕޯޗުގަލްގެ ކާލޯސް ކުއިރޯޒް ބުނެފި އެވެ. 
ރޭގެ މެޗުގައި އިންގްލެންޑުން 79 ޕަސެންޓް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގޯލެއް ޖެހޭގޮތެއްނުވި އެވެ. މި މެޗުގައި ގާނާ އިން ވެސް އެޓޭކްތަކެއް ކޮށްފައިވާއިރު، އެ ޓީމަށް ޕެނަލްޓީއެއް ލިބެންޖެހޭ ދަނޑިވަޅެއް ދިޔަ ކަމަށް ކުއިރޯޒް ވަނީ ބުނެފަ އެވެ. އެއީ، އިންގްލެންޑްގެ ޑިފެންޑަރު، އެޒްރީ ކޮންސާ އޭރިއާތެރެއިން، ޕްރިންސް އަޑޫ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައުލު ކުރުމުންނެވެ. 
އެކަމަކު، މެޗުގެ ރެފްރީ އާއި ވީއޭއާރްގެ ސަމާލުކަމަށް ވެސް އެ ފައުލު އައިސްފައިނުވެ އެވެ. 
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރިން އިރާނާއި ޕޯޗުގަލް އަށް ވެސް ކޯޗުކޮށްދިން ކުއިރޯޒް ބުނެފައިވަނީ ވޯލްޑް ކަޕްގައި ވީއޭއާރްގެ ބޭނުންކުރޭތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެ ގޮތުން، އިންގްލެންޑާ ކުޅުނު މެޗުގައި ގާނާ އަށް ޕެނަލްޓީ އެއް ދޭން ވީއޭއާރަށް ނުފެނުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ކުއިރޯޒް ފާހަގަކުރި އެވެ. 
"އަހަރެމެންނަށް ވެސް ފުރުސަތު ލިބުނު. އެކަމަކު އަހަންނަށް ފެނުނީ އެ މީހުންގެ ނަސީބު ވަރަށް ރަނގަޅުކޮށް އޮތްތަން. އެއީ އަނެއްކާ ވެސް މި ފެނުނީ ވީއޭއާރް މިދިޔައީ ކޮފީ އަކަށް. އަހަރެން ވެސް ބޭނުން މިހެން އުޅެމުން ކޮފީ އަކަށް ދާން. އަހަރެމެންނަށް ގެއްލުނީ ޕެނަލްޓީއެއް، އަދި އެއީ އެ މީހުންނަށް ރަތެއް ދައްކަންޖެހޭ ފައުލެއް. މެޗު ރަނގަޅަށް ބެލި މީހަކަށް މިކަމުގެ ޝައްކެއް އޮންނާނެ ކަމަށް ނުބެލެވޭ،" ކުރިރޯޒް ބުންޏެވެ. 
"އަހަރެން ސަމާސާ ގޮތަކަށް މި ވާހަކަ ބުނަން ޖެހުނީތީ މާފަށް އެދެން. އެއީ، އަހަރެން މި ވާހަކަތައް ވަރަށް ސީރިއަސްކޮށް ދައްކައިފިއްޔާ، އަހަންނަށް އަދަބުދޭނެ. އެހެންވީމަ، އަހަރެން ތި މީހުންނަށް ވިސްނަދެން މިއީ ޖޯކަަކަށް އަހަރެން ބުނާ އެއްޗެއް،"  
ގްރޫޕް އެލްގައި ކުޅުނު ފުރަތަމަ މެޗުތަކުން އިންގްލެންޑާއި ގާނާ ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އިންގްލެންޑުން މޮޅުވީ ކްރޮއޭޝިއާ އަތަުން 4-2 އިންނެވެ. އަދި، ގާނާ އިން ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިން ޕެނަމާ ބަލިކޮށްފަ އެވެ. އެހެންކަމުން، މިރޭގެ މެޗުގައި، އިންގްލެންޑާއި ގާނާގެ ތެެރެއިން ކޮންމެ ޓީމެއް މޮޅުވެގެން ވެސް ގަދަ 32 ޓީމުގެ ބުރުގެ ޖާގައެއް އޮތީ ލިބޭ ގޮތަށެވެ. އެކަމަކު، މެޗު އެއްވަރުވެގެން ނިމުނުއިރު، މި ނަތީޖާއާ އެކު ވެސް މި ދެ ޓީމަށް އަނެއް ބުރުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.
ގްރޫޕްގެ ފަހު މެޗުގައި ގާނާ އިން ކުޅޭނީ ކްރޮއޭޝިއާއާ އެވެ.  އަދި، އިންގްލެންޑުން ކުޅޭނީ ޕެނަމާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ