މި މަހަށް ނިންމަން ބުނި ހުޅުމާލޭ ކަންނެލި މަސް ބަންދުކުރާ ކާރުހާނާގެ އިމާރާތުގެ މަސައްކަތް ވެސް ނުފެށޭ

މި މަސް ތެރޭގައި ނިމޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި ހުޅުމާލޭ ކަންނެލި ބަންދުކުރާ ކާރުހާނާ އަޅަން ވެސް ފަށާފައި ނުވާކަން ހާމަވެއްޖެ އެވެ. 
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ 100 ޓަނު ޕްރޮސެސް ކުރެވޭ ކާރުހާނާ އަޅަން އަންނަ ހަފްތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. 
"ކަންނެލި މަސްވެރިންނަށް ހާއްސަ ކުރެވިގެން 100 ޓަނު ޕްރޮސެސް ކުރެވޭ ވަރުގެ ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތްތައް ފެށުމަށްޓަކައި މިހާރު ތައްޔާރުވަނީ. މި މަހު އަޅުގަނޑުމެން ވާނީ އިކޮނޮމިކް ކައުންސިލުން ނިންމާފައި އެތަން ބަޔަކާ ހަވާލުކުރުމަށް. މިިހާރު އެގްރީމަންޓުގައި އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި ސޮއިކުރެވިގެންދާނެ،"  ޝިޔާމް ވިދާޅުވި އެވެ. 
ނަމަވެސް ޑިސެމްބަރު، 2025، ގައި ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެ ކާރުހާނާގެ މަސައްކަތް ޖެނުއަރީ، 2026، ގައި ފަށައި، ހަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތަށް މަސައްކަތް ކުރިއަށްދިޔަނަމަ މި މަހުގެ ތެރޭގައި މަސައްކަތް ނިމޭނެ އެވެ. 
"އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ މި ފެށޭ ޖަނަވަރީ މަހު އެތަނުގެ މަސައްކަތް ފަށައި އަޅުގަނޑުމެން ހުރިހައި ކަމެއް ޕްލޭންކޮށްފައި މިވަނީ. ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އެއްކަލަ ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުފުޅު އޭގެތެރެއިން ފުއްދުމަށްޓަކައި،" ޝިޔާމް ވިދާޅުވި އެވެ. 
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ކާރުހާނާ އެޅުމަށްޓަކައި ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހަމަޖައްސައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ