އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ހުޅުމާލެ އޮޕަރޭޝަންސް އިސްމާއިލް އަބްދުއްރަހީމް (އިސޫ) ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި އަންހެނަކު ހިފަހައްޓައި، އޭނާއާއެކު ހުރި މީހަކަށް ހަމަލާދޭ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އެކްސް ގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިސޫ އިސްވެ މީހަކަށް ހަމަލާދޭ މަންޒަރު ފެނެ އެވެ. އެއަށްފަހު އެ މީހާއާއެކު ހުރި އަންހެން މީހާއަށް ފޭސް 3 ސަރަހައްދުން ނުދެވޭގޮތަށް އިސޫ ހިފަހައްޓާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
މާރާމާރީގައި އިސޫގެ އިތުރުން ދެން ހިމެނޭ 21 އަހަރުގެ ޒުވާނެކެވެ. މައްސަލައާ ގުޅިގެން އެ ޒުވާނާ ހައްޔަރުކޮށް މިހާރު ވަނީ ފަސް ދުވަސް ބަންދުގެ މުއްދަތަށް ޖަހާފަ އެވެ. ނަމަވެސް މައްސަލައާ ގުޅިގެން އިސޫއަށް އެއްވެސް ފިޔަވަޅެއް ނާޅައި، އޭނާ ހައްޔަރު ނުކުރާތީ ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
ދައުރުވަމުންދާ ވީޑިއޯއާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުން އެ ހިދުމަތުން ބުނީ މާރާމާރީގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން ދަނީ ބަލަމުން ކަމަށެވެ.
އިސޫއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. ރިލްވާންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލި އެވެ.
ފަހުން އޭނާ ފެނިފައި ވަނީ ރައީސް މުހައްމަދު މުއިއްޒާއެކު އެވެ. ޕީއެންސީގެ ކެމްޕެއިންތަކުގައި ވެސް ވަރަށް ބޮޑަށް އޭނާ ހަރަކާތްތެރިވެ އެވެ. އަދި ޕާޓީގެ އެތެރޭގެ މަގާމަކަށް ވާދަ ކުރަން ވެސް އިސޫ މަސައްކަތް ކުރި އެވެ.
އިސޫ އަންހެނަކު ހިފަހައްޓައި، އެހެން މީހަކަށް ހަމަލާދޭ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ