ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ އަބްދުﷲ އަލީއާއި ތަސްލީމަށް ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ އަބްދު އަލިމަނިކާއި އިތުރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ. ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.
އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެ ހަތަރު މީހުންނަކީ, އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ.
އަދި ފަހުން އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުވާ އުފުލި އެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ، އިސްހުގެ މައްޗަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ހަމަލާގެ މައްސަލައިގައި ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމުގެ މައްޗަށް ދައުވާކުރުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދެމީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.
މި ދެމީހުުންގެ ތެރެއިން ޖަލަށްލާފައި ވަނިކޮށް މިވެރިކަމުގައި ދޫކޮށްލި އަބްދުﷲ އަލީމަނިކު ހައްޔަރުކުރީ ހަމަލާއަށްފަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މެއި މަހުގެ ތެރޭގަ އެވެ. އަދި އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ.
އެގޮތުން އޭނާއަކީ ޖަލުގައިވެސް ހައްދުފަހަނާޅައި ދިއުމުގެ ހަރަކާތް ހިންގައި މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް އުޅުނު މީހެއް ކަމަށް ތުހުމަތުކުރެ އެވެ.
އޭގެ އިތުރުން ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރަން މާލޭގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކުލާސްތައް ބާއްވާ ކަމާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެ އެވެ.
އަދި ޓެރަރިސްޓް ޖާމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެއް ކަމަށްވާ، އައިސިސްއަށް ތާއީދުކުރާ ކަމާއި ދާހިލީ ހަނގުރާމަތަކަކީ ޖިހާދު ކަމުގައި ސިކުނޑިތަކަށް ވައްދައި، ޖިހާދަށް މީހުން ރެކްރޫޓް ކުރުމާއި ސީރިއާއަށް ހަނގުރާމައަށް ފޮނުވާކަން އަދި ގައުމީ ސަލާމަތަށް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުވެސް ކުރެ އެވެ.
އަބްދުﷲ އަލީމަނިކު ޖަލަށް ލީ އއ. ހިމަންދޫގައި 2007 ގައި ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލި މައްސަލައިގަ އެވެ. އޭގެ ކުރިންވެސް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އޭނާއަށް ގިނަ ހުކުމްތަކެއް ކޮށްފައިވެ އެވެ.
ތަސްލީމް ހައްޔަރުކުރީ މިއަހަރުގެ ޖުލައި މަހުގެ 24 ގައި އައްޑޫއިންނެވެ. އޭނާގެ މައްޗަށްވެސް ފުލުހުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެގޮތުން ތަސްލީމަކީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ރާވައި، އެކަމުގެ އިރުޝާދު ދިނުމުގައި އެންމެ އިސްކަން އުޅުނު މީހާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އޭނާއަކީ ބޮމެއް ގޮއްވަން އުޅުނު މައްސަލައެއްގައި މީގެ ކުރިންވެސް ދައުވާއެއް އުފުލިފައިވާ މީހެކެވެ.
އެގޮތުން މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހަދައި އެ އައިއީޑީ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ތަސްލީމް ހައްޔަރުކުރީ އޭޕްރީލް 24، 2017ގަ އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް އެ އަހަރު ދައުވާ އުފުލުނެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި އޭނާ ދޫކޮށްލީ އޮކްޓޫބަރު 4، 2018ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ