ޔާމީން ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށް

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އިއްވުމުން ސާފުވެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ކްރިމިނަލް ކޯޓުގައި ވިދާޅު ވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމަށް ކޯޓަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ފަސް ވަކީލުންގެ ތެރެއިން ތިން ވަކީލުންނެވެ.
ދިފާއީ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ މަޝްވަރާ ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އަނެއް ދެ ވަކީލުންނާއި ބައްދަލު ނުވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އެދިވަޑައިގެންނެވީ ހުރިހާ ވަކީލުންނާ އެކީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް، ޝަރީއަތްތައް ފަސްކޮށްލުމަށެވެ. އެކަމަކު އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މިއަދު ދައުވާ އިއްވުމަކުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.
އެހެން ކަމުން ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އިއްވާފަ އެވެ. ދައުވާ އިއްވުމުން ރައީސް ޔާމީން ވިދާޅުވީ ދައުވާ ސާފުވެ ވަޑައި ނުގަންނަވާ ކަމަށާއި އެ ކަނިކުފާނުގެ ހުރިހާ ވަކީލުންނާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ، ދައުވާ ސާފުވިތޯ ޝަރީއަތުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުވާ ސާފުވިތޯ ކަށަވަރުކޮށް، ދައުވާއަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.
ދިފާއީ ވަކީލް ޖަމީލް ވަނީ މި މައްސަލައިގައި ހިމެނޭ ދައުވާ ލިބޭ ދެ ފަރާތުގެ އަޑުއެހުންތައް ވަކިން ގެންދިއުމަށް އިއުތިރާޒް ކުރައްވާފަ އެވެ. ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ އޭނާގެ ބައި އަންނަ މަހުގެ ދެ ވަނަ ދުވަހު ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ދެން ހުރި އަޑުއެހުންތަކުގައި ދެ މީހުންގެ ބައި ކުރިއަށް ގެންދާނީ އެކީ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ