ފްލައިން ސްކޫލް: ދިވެހި ފައިސާއިން ފީ ދައްކަން ސަރުކާރުން މަޝްވަރާ ކުރަނީ

އައްޑޫގެ ގަމުގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫ ފްލައިންގް ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުއްވުމަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި އެ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދަވާ ކަމަށެވެ.
އަދި، ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބެލުމަށް ފިނޭންސް މިނިސްޓަރު އަހްމަދު އަމީރުގެ އަރިހުން ވަނީ އެދިފައެވެ.
އޭގެ ތެރޭގައި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެލުން ހިމެނެއެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އަމީރު ވަނީ، އެކަމުގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
އިއްޔެ ހަވީރު ބޭއްވި އެ ބައްދަލުވުމުގައި، ފްލައިންގް ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ވަރަށް ތަފްސީލުކޮށް ނައިބް ރައީސާ ހިއްސާ ކޮށްފައެވެ.
އެ ގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިންގް ސްކޫލުން އެ ކުދިންނާ މެދު އަމަލުކުރަމުން ދާ ގޮތުގެ މައުލޫމާތު ނައިބް ރައީސާ ހިއްސާ ކުރިއެވެ.
ނައިބް ރައީސްގެ އަރިހުގައި މިނިސްޓަރު އަމީރާއި، މިނިސްޓަާ އޮފް ހެލްތް އަހްމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ޑރ. އަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ