ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް މިއަދު އައްޔަން ކުރައްވައިފި އެވެ.
އިސް ގާޒީ ކަމަށް ޝަކީލް އައްޔަންކުރެއްވީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިސް ގާޒީގެ މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.
ޝަކީލަކީ ކުރިން ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ.
ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ. އެކަމަކު ފަހުން މިދިޔަ އަހަރު އަނެއްކާވެސް ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.
ޝަކީލްގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވީ އަހުމަދު ހައިލަމް އެވެ. ޝަކީލް އެ މަގާމަށް އައްޔަނު ކުރެއްވީ ހައިލަމް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލެއްވުމުން، މަގާމަށް ކުރިމަތިލައްވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ