ދިވެހިންގެ އުއްމީދުތައް ވަރަށް އަވަހަށް ހާސިލުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިފެށުނު އާ އަހަރާއި ދިމާކޮށް ރައީސް މައުމޫނު ދެއްވި މެސެޖްގައި އާ އަހަރުގެ ހެޔޮ އެދުންތަކާއެކު ރައީސް މައުމޫން ވިދާޅުވީ، 2018 ވަނަ އަހަރަކީ އާ އަހަރަކަށްވުން އާ އުއްމީދުތަކެއް ހުންނާނެ ކަމަށެވެ. ދިވެހީންގެ އުއްމީދުތައް ވަރަށް އަވަހަށް ހާސިލު ވެސް ކުރެވޭނެ ކަމަށެވެ.
ރައީށް މައުމޫންގެ އިތުރުން އާ އަހަރާއި ދިމާކޮށް ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މެސެޖެއް ދެއްވާފައެވެ.
ރައީސް ނަޝީދު އާ އަހަރުގެ ތަހުނިޔާއާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަހަރަކީ ވިސްނުންތެރިކަމާ ހިކުމަތްތެރިކަން އިސްކުރަންވީ އަހަރެއް ކަމަށާއި، އެމަނިކުފާނުގެ މުޅި ޢަމާޒަކީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެ ރައީސް ޔާމިން ބަލިކޮށް ދިވެހިރާއްޖެ، ދިވެހިންނަށް އަނެއްކާވެސް ހޯދާ ދިނުން ކަމަށެވެ.
ފެށުނު 2018 ވަނަ އަހަރު ދިވެހިރާއްޖެ އަށް އެންމެ މުހިއްމުވާ ސަބަބަކީ، މިއަހަރަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބު ބޭއްވޭ އަހަރުކަމަށްވާތީއެވެ. ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ ވެސް އަމާޒަކީ ރައީސް ޔާމިން ބަލިކުރުން ކަމަށްވާއިރު އަދިވެސް އިދިކޮޅު ކެންޑިޑޭޓަކު އަޅުގަޑުމެންގެ ލޮލު ކޮޅާއި ހަމައަށްވެސް ނުފޯރައެވެ.
އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ މިދަނޑިވަޅުގައި އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކުރުމަށް އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަޝްވަރާއަށް ކޮންމެ ޕާޓީއަކުން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތުން ދެ މަންދޫބުން ވަނީ ކަނޑައަޅާފައެވެ.
އެހެން ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް ކެންޑިޑޭޓެއް ނެރެން ބޭނުންވާތީ، އެއް ކެންޑިޑޭޓަކާ ގުޅޭ ގޮތުން އިއްތިފާގުންވާން އުނދަގޫވާނެ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
ދިވެހިންގެ އުއްމީދުތައް ވަރަށް އަވަހަށް ހާޞީލް ވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ