މި ސަރުކާރުގައި ރައްޔިތުން ކަންކަމު އެދެނީ ކޮށްދޭނެކަމުގެ ޔަގީންކަން އޮތީމަ – ޑރ.މުއިއްޒު

ރައްޔިތުން ކަންކަމަށް އެދެނީ މި ސަރުކާރުން އެކަންކަން ފުރިހަމަ ކޮށްދޭނެކަމުގެ ޔަޤީންކަން އެ ރައްޔިތުންނަށް އޮތުމުންކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކ. ތުލުސްދޫގައި ސަރުކާރުން ޒަމާނީ ފެންވަރެއްގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ތުލުސްދޫގެ ތަރައްޤީއަށްޓަކާ މި ސަރުކާރުން ފާއިތުވި 4 އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ.
އެގޮތުން އެރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެއުމުގެ ގޮތުން 33 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ހިއްކި ބިމުގެ ތަރައްޤީއަށް ގިނަ ޕްލޭންތަކެއް ކޮށްފައިވާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު ކުރީގެ ސަރުކާރުތަކަށް ފުރިހަމަކޮށްދެވިފައިނުވާ ތަރައްޤީގެ އެތައް މަޝްރޫޢުގެ ކާމިޔާބުކަމާއެކު ފުރިހަމަކޮށްދެއްވީ ރައީސްއަކީ ރައީސް ޔާމީންކަން ފާހަގަކުރައްވާ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަމަށް އެދެނީ މި ސަރުކާރުން އެކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެ ރައްޔިތުންނަށް އޮތުމުންކަމަށެވެ.
ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރާއެކު އެރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބި، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން އެރަށަށް އިތުރު ދިރުމެއް ލިބިގެންދާނެކަން ސަރުކާރުން ބުނެއެވެ. ތުލުސްދޫ ބަނދަރުގެ މަސައްކަތް ނިންމާ، ބަނދަރު ރަސްމީކޮށް ހުޅުވާފައިވާއިރު، 46 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އެރަށުގައި މިހާރުވެސް ކުރިޔަށް އެބަދެއެވެ. ހަމައެހެންމެ ސްޕޯޓްސް އެރީނާތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ފުޓްސަލް ދަނޑަކާއި، ބަށި ކޯޓެއް ތަރައްޤީކޮށް ނިންމާފައިވާއިރު، ވޮލީ ކޯޓަކާއި، ނެޓުބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.
އާބާދީގައި 1491 މީހުން ދިރިއުޅޭ ތުލުސްދޫ ބަނދަރަކީ އައިޑީބީގެ ލޯނު އެހީގެ ދަށުން ހަދާފައިވާ ބަނދަރެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ސާޅިސް މިލިއަން ސަތޭކަ ފަސްދޮޅަސް ހަ ހާސް ނުވަ ސަތޭކަ ސާޅިސް ނުވަ ރުފިޔާ ނުވަދިހަ ނުވަ ލާރި އެވެ.
މި މަޝްރޫޢު މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުއަކީ ސްރިލަންކާގެ ކުންފުންޏެއްކަމަށްވާ ސެނޯކް ޓްރޭޑް ކޮމްބައިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ