ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް އޮތް ތާއީދު ގާދޫ ކޮލުން ބޭރަށް ހިނގައްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މާފަންނު ކުނޫޒްގައި މިރޭ ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ކަރަންޓުގެ ސަބްސިޑީ ކަނޑާލައި ކާޑުގެ އަގު ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސާލުމުންވެސް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ރައީސް ޔާމިން ހީފުޅު ކުރެއްވި ނަމަވެސް އެ ތާއީދު ގާދޫ ކޮލުން ބޭރަށް ހިނގައްޖެ ކަމަށެވެ.
ގައުމާއި ރައްޔިތުންގެ ތަރައްގީ އާއި އިންސާފަށްޓަކައި ހެޔޮވެރިކަމަކަށް ރައީސް ޔާމިން ވެރިކަމަށް ގެނައުމަށްޓަކައި އެމަނިކުފާނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުހަނު ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެހެން ނަމަވެސް މިއަދު އެ މަންޒަރެއް ނުފެންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައީސް ޔާމިން ވެރިކަމަށް ގެންނަން އެންމެ ބުރަ މަސައްކަތް ކޮށްދެއްވީ ރައީސް މައުމޫން ކަން މުޅި ދިވެހި އުއްމަތަށް އިނގޭނެ. އެކަމަކު މިއަދު އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ކުޑައެއް ނޫން." ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށްދިން ހުރިހާ ލީޑަރުންނަށް މިއަދު އަނިޔާދެމުންދާކަމަށާއި އެހެންކަމުން ދެން މަޑުން ނުތިބޭނެކަމަށް ވިދާޅުވެ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާ މިނިވަން ކަމުގެ ބާރާއި ނޫސްވެރިކަމުގެ ބާރާއި އަދި އެނޫންވެސް ހައްގުތައް ހޯދައިދޭން ގުޅިފައިވާ ހުރިހާ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުަރައްވާނެ ކަމަށާއި އެ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ. ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރަން އެބަ ޖެހޭ ކަމަށާއި ހުރިހާ ޕާޓީތަކެއް އެއްގަލަކަށް އަރާ ތިބީ އެބޭނުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އަނިޔާވެރިކަން އިންތިހާއަށްދާއިރު، މަޑުން ނުހުންނަވާނެކަމަށާއި ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް ރައްޔިތުންގެ ހައްގުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނަށް ދަރަނިވެރިވެފައި ކަމަށާއި އެދަރަނި ރައްޔިތުންނަށް އަދާ ކުރައްވާނެ ކަމުގަ އެވެ. އަދި މިހާރު ނިކުމެ ހުންނެވީ ރައްޔިތުންނަށްޓަކައި އެދަރަނި އަދާކުަރައްވަން މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ. ގުޅިފައިވާ ޕާޓީތަށް ދެން ވަކި ނުވާނެ ކަމަށާއި އަތު ގުޅާލައިގެން އެއްރޫހެއްގައި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުަރައްވަން ނިކުންނަވާނީވެސް އެކުގައި ކަމަށްވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެނެއް ވަތްކެއް ނުވާނެ. ގުޅިފައިވާ ހުރިހާ ޕާޓިތަކެއް އެކުގައި އެއްރޫހެއްގައި އަތުގުޅާލައިގެން ނިކުންނާނީ ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު އެކޮޅުކޮޅުން އެލުވާލާފަ ކާޅަށް ކޮށާފަ ކާންދިނަސް ދެން ރައީސް ޔާމީނަކަށް ތާއީދެއް ނުކުރާނަމޭ." މާތްވެެގެންވާ އިސްލާމް ދީނާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގައުމިއްޔަތު ހިމާޔާތްކޮށް ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީ އާއި ޕީޕީއެމް އާއި ޖޭޕީ އަދި އަދާލަތު ޕާޓީން މިރޭ ވެވުނު އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މިއަދު ނިކުމެތިބި ލީޑަރުން ރޮއްވާލާފައި ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވޯޓު ލިބޭނެ ކަމަށް އުއްމީދުވެސް ކޮށްގެންނުވާނެކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ އަބަދުވެސް ރައްޔިތުންނާއިއެކުކަމަށާއި ގައުމު އިސްލާހުކުުރުމަށް ފަށާފައިވާ މަަސައްކަތް ރައްޔިތުންގެ ތާއީދާއެކު މާތްﷲގެ ރަހްމަތްފުޅުން ކާމިޔާބު ކުރައްވާނެކަަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އާއި ރައީސް ނަޝީދާއި، ކާނަލް ނާޒިމްއާއި، ޝައިހް އިމްރާނު އާއި، އަދި އެމަނިކުފާނުވެސް ހުންނެވީ އެއް އަޒުމެއްގައިކަމަށެވެ. ގާސިމް ވިދާޅުވީ ރައްޔިތުންގެ އަތުން ވޭތުވެދިޔަ ތިން އަހަރު ބީވެގެންދިޔަ ހައްގުތައް ހޯއްދަވައިދެއްވާނެކަމަށާ އެ މަސައްކަތް ފުރިހަމަ ނުވަނީސް ހައްގުތައް ހޯދުމަށް ފަށާފައިވާ މަސައްކަތް ހުއްޓާނުލުއްވާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އުމުރުފުޅުން އެހާ ގިނަ ދުވަސްވެފައިވީނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރީގެ ރައީސް މައުމޫނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ފަހުރުވެރިވާ ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މީގެ އިތުރަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ޖަލުގައްޔާއި ރާއްޖެއިން ބޭރުގައި ރައްޔިތުންގެ ހައްގުގައި ކުަރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ގާސިމް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސް ޔާމީނަށް އޮތް ތާއީދު ގާދޫ ކޮލުން ބޭރަށް ހިނގައްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ