ޗައިނާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރު

ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޗައިނާގެ ރައީސް ޝީ އާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ދަތުރުފުޅު ކުރައްވާ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަަލް އެއާޕޯޓް )އައިއެންއައިއޭ( އަށް ޖައްސާނީ މިއަދު ހަވީރު 5:30 އެހާކަން ހާއިރު ކަމަށެވެ. ނަމަވެސް އެ މަނިކުފާނު މިއަދު މާލެ ވަޑައިނުގަންނަވާނެ އެވެ.
ޝީ އަށް މަރުހަބާ ދެންނެވުމަށް ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި އެހެން ވެސް ބޭފުޅުން އެއާޕޯޓަށް ވަޑައިގަންނަވާނެ އެވެ.
ޝީ އާއި އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 10:00ގަ އެވެ. އެމަނިކުފާނަށް ޖުމްހޫރީ މައިދާނުން ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއަށް ފަހު ރައީސް ޔާމީނާއި ޗައިނާގެ ރައީސް، ރައީސް އޮފީހުގައި ދެ ގައުމުގެ ވާހަކަތައް ބާއްވަވާނެ އެވެ.
ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ އެގްރިމަންޓްތަކުގައި ސޮއި ކުރެއްވުމަށް ފަހު، ރާއްޖޭގައި ޗައިނާ އިން އަލަށް ފަށާ މަޝްރޫއުތައް ދެ ރައީސުން އިއުލާން ކޮށްދެއްވާނެ އެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހުޅުލެ-މާލެ ބްރިޖް ޕްރޮޖެކްޓާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް )އައިއެންއައިއޭ(ގެ ރަންވޭ އެޅުމުގެ ޕްރޮޖެކްޓް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
ރާއްޖޭގައި ޗައިނާ އިން އަލަށް ފަށާ މަޝްރޫއުތައް އިއުލާން ކުރެއްވުމަށް ފަހު، ދެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް އާންމު ކުރައްވާނެ އެވެ.
މިއީ ޗައިނާގެ ރައީސެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޝީގެ ދަތުރުފުޅު ނިންމާ ލެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު އެވެ.
ޗައިނާގެ ރައީސްގެ ސައުތު އޭޝިޔާ ދަތުރުފުޅު ރާއްޖެ އިން މިއަދު ފައްޓަވާއިރު، އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ސްރީ ލަންކާ އަދި އިންޑިއާ އަށެވެ. އެ ގައުމުތަކުގައި ޗައިނާ އިން އަލަށް ފަށާ އިންވެސްޓްމަންޓްތައް ޝީ އިއުލާން ކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ