ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރާ "ލާއިންސާނީ އަމަލުތައް" ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިނުގަންނަ ކަމަށް ފާސްވީ ވޯޓްގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ވޯޓް ދެއްވައިގެންނެވެ. އަދި އެ ގަރާރު ފާސް ކުރަން ފެންނަ ކަމަށް 28 މެމްބަރުން ވޯޓް ދެއްވި އެވެ.
ރައީސް މައުމޫން ގަސްތުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ލާއިންސާނީ އަމަލުތައް ތަހުގީގު ކުރުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ޕީޕީއެމްގެ ޕާލަމެންޓްރީ މެމްބަރުން ވިދާޅުވީ އެ ގަރާރަކީ އަބުރު ކަތިލުމުގެ ގަރާރެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި ހިންގަވާފައިވާ ގާނޫނޫ އަސާސީއާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދުމުން ވެސް އެ ކޮމިޝަނަށް ވެސް އެ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.
މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ބަޔަކަށް މުސާރަ ދިނުމަށް ކަމަށެވެ. އެ ކޮމިޝަނުގެ މަސައްކަތުގެ ތެރޭގައި ހާއްސަ ބަޔަކު މެދުވެރިކޮށް، ދުނިޔޭގެ އެތައް މިތާގައި "އަތްފުނާއަޅައި، ގާތަކެއް ފުރޮޅައި" ބެލުމުން ވެސް މައުމޫން ކުރެއްވި ގާނޫނާ ހިލާފު ކަމެއް ނުފެނުނު ކަމަށް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.
"އެއީ ބޭކާރު ގޮތުގައި ބަޔަކަށް މުސާރަ ދިނުމަށް އުފެއްދި ކޮމިޝަނެއް [ރިޔާސީ ކޮމިޝަން]. އެ ތިން އަހަރު ދުވަހުގެ ތެރޭގައި ހާއްސަ ބަޔަކު މެދުވެރިކޮށްގެން ބަލައި ދުނިޔޭގެ އެތައް މިތާނގައި އަތްފުނާއަޅާ ހުރިހާ ގާތަކެއް ފުރޮޅާލައިގެން ބަލައިގެން ނުފެނިފައި އޮއްވާ އަލުން މިތަނުން ކޮމިޝަނެއް ހަދައިގެން ބަލާށޭ ކިޔާފައި މީހުންގެ އަބުރު ކަތިލުމަކީ އެއްވެސް އިރެއްގައި އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން،" އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.
ގަރާރު ހުށަހެޅުއްވި މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) ވިދާޅުވީ 1978ގައި ރާއްޖޭގެ ވެރިކަމާ ރައީސް މައުމޫން ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނާ އެއް ފެންވަރުގައި ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން ޖަލަށްލައިގެން އަނިޔާ ދީފައިވާ ކަމަށެވެ. އަދި އެ މީހުން މިއަދާ ހަމަޔަށްވެސް އެ އަނިޔާގެ ވޭނުް ތަހައްމަލް ކުރަމުންދާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މައުމޫން ސަރުކާރުގެ "ލާއިންސާނީ އަމަލުތައް" ބެލުމުގެ ގާރާރު ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ