ބަޔާންތަކާއި އޯޑިއޯ އާއްމުކުރީ ރައްކާތެރިކަން ގެއްލިދާނެ ކަމުގެ ބިރު އޮތުމުން: އަލީ ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް، ސަލާމަތީ ބާރުތަކުގެ ކުރީގެ ވެރިންނާއި މުއައްސަސާތަކުގެ ވެރިން ދެއްވި ބަޔާންތަކާއި އޯޑިއޯ އާއްމުކުރީ މަޖިލީހުގައި އެ ތަކެތީގެ ރައްކާތެރިކަން ގެއްލިދާނެ ކަމުގެ ބިރު އޮތުމުން، މަޖުބޫރުވެގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނެޝެނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާކުރި ކޮމެޓީގެ ޔައުމިއްޔާތަކާއި އޯޑިއޯ ރޭ ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ކޮމެޓީން މަސައްކަތައް ކުރިއަށް ގެންދިޔައީ އަދި ބަޔާންތައް އާއްމުކުރީ ގަވާއިދާ ހިލާފަށް ކަމަށް ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވަނީ ވިދާޅުވެފަ އެވެ.ފިލްޒާ އަށް ރައްދު ދެއްވައި އަލީ ވަހީދު "ހަވީރަ"ށް ވިދާޅުވީ ކޯނީ ރިޕޯޓް ދިރާސާކުރުމަށް އެ ކޮމެޓީން ކުރި މަސައްކަތަށް މަޖިލީހުގެ ތެރެއިންނާއި ބޭރުން ވެސް ފިއްތުންތައް ކުރިމަތިވި ކަމަށެވެ. އެ ސަބަބަށްޓަކައި އެ ބަޔާންތައް އާއްމުކުރަން ކޮމެޓީން އިއްޔެ ފާސްކުރި ކަމަށާއި އެއީ ދިވެހި ގައުމަށް ނުހަނު މުހިއްމު، ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ކުރުކޮށް ދަންނަވަންޏާ ކަނޑެއްގައި އަޅާ ރޮނގެއް ގޮތަށް، މޫސާ އަލީ ޖަލީލާއި އެފަދަ އޮފިސަރުން ސިފަކުރި ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެންގެ ގައުމުގެ މާދަމާއެއް ނުލިބޭނެ. މި އެއްޗެހި ހާމަކުރިއިރު އަޅުގަނޑުމެންނަށް އެނގޭ މިއީ ކިހާވަރެއްގެ ކަމެއްކަން މިކުރަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ އަންނަ މަހަށް އަހަރެއް ފުރޭއިރު، އެކަނ ހިނގި ގޮތުގެ އެއްވެސް ހަގީގަތެއް އެއްވެސް މީޑިއާއަކުން ވެސް ގެނެސްދީފައި ނުވާތީ، ކޮމެޓީ އަށް ދިން ބަޔާންތަކަށް އުނި އިތުރެއް ނުގެނެސް ހާމަކުރުމަކީ ކޮމެޓީގެ މައްޗަށް ލާޒިމްކަމެއް ކަމަށް މެމްބަރުންނަށް ގަބޫލުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ބަޔާންތައް އާއްމުކުރަން ކޮމެޓީން ފާސްކުރުމާ ގުޅިގެން، އަލީ ވަހީދު ވިދާޅުވި ގޮތުގައި، ކޮމެޓީ އަށް ދީފައިވާ ބަޔާންތަކާއި އޯޑިއޯތައް އާއްމުކުރަން އޭނާ ސޮއިކުރެއްވީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭގައި ސޮއިކުރެއްވީ މަޖިލީހުގެ ވެބްސައިޓުގައި ބަޔާންތައް އާއްމުކުރުމަށާއި ކޮމެޓީގެ ކޮންމެ މެމްބަރަކަށް ކޮޕީއެއް ދިނުމާއި އާއްމުންނަށް އެ ބަޔާންތައް ފެންނަ ގޮތަށް ފާސްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ."އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އަށެއް ޖެހިއިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު، އޭނަގެ އޯޑިއޯ އާއި އޭނަގެ ލިޔެކިޔުންތައް އޭނަ ވަނީ ގެންދަވާފައި. އެހެންވީމަ އެމްޑީޕީ ޖަލްސާ އަށް އެ ތަކެތި ގެންދިޔައީ ލީކްކޮށްލައިގެނެއް ނޫން. އެމްޑީޕީ ޖަލްސާ އަށް ވިއަސް ހަވީރަށް ވިއަސް ރާއްޖެ ޓީވީ އަށް ވިއަސް މަޖިލީހުގެ އިދާރާ އިން އެތަކެތި ނުކުތުން އެއީ އެ ބަޔަކަށް އެތަކެތި އަވަހަށް ލިބުނު ވަރެއް. ހަވީރު އޭގައި ވާނީ ސޮއިކޮށްފައި،" އަލީ ވަހީދު ވިދާޅުވި އެވެ.ކޯނީ ރިޕޯޓު ދިރާސާކުރަން ކުރި މަސައްކަތަކީ އެ ކޮމެޓީގެ ދާއިރާ އިން ބޭރުން ހިންގި ކަމެއް ކަމަށް ފިލްޒާ ވިދާޅުވެފައިވާތީ އަލީ ވަހީދު ވަނީ އޭނާ އަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެކަން ކުރީ މަޖިލީހުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.އަލީ ވަހީދު ވިދާޅުވީ ފިލްޒާ އަކީ އޭނާ އަށް ފެނިވަޑައިގަންނަވާ ގޮތަކަށް ލަފާ ދެއްވާ ބޭފުޅެއް ކަމަށާއި އެ މައްސަލާގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި ކަމަށެވެ. އަދި ކައުންސެލް ޖެނެރަލް އަކީ މަޖިލީހުގައި ހުކުމް ނެރުއްވަން އިންނަވާ ފަނޑިޔާރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.އަލީ ވަހީދު ވިދާޅުވީ ކޮމެޓީގެ އޯޑިއޯތަކާއި ޔައުމިއްޔާތައް އާއްމުކުރީ އަބްދުﷲ ޝާހިދަށް އެނގިވަޑައިގެންކަން މަޖިލީހުން އޭނާ އަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ފިލްޒާ ލަފާ ދެއްވި ނަމަވެސް މަޖިލީހުގެ ރައީސް ޝާހިދު ވެސް ބައެއް ކަންކަން އެ ބޭފުޅާ އަމިއްލަ އަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމަވާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ."ފިލްޒާގެ ލަފާ ގަބޫލުކުރުމާއި ނުކުރުން އެއީ އަޅުގަނޑުމެންގެ އިހްތިޔާރުގައި އޮންނަ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ