ރާބިތާ ޖަލްސާއަށް ފަހު މައުމޫން އެނބުރި މެލޭޝިއާއަށް

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް މައްކާގައި ބޭއްވި ރާބިތަތުލް އާލަމިލް އިސްލާމީގެ ތައުސީސީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެނބުރި މެލޭޝިއާއަށް ވަޑައިގެންފި އެވެ.
ރާބިތާގެ ޖަލްސާއަށް މައުމޫން ވަޑައިގަތީ ވެސް މެލޭޝިއާގައި އުޅުއްވުމުންނެވެ.
މައުމޫންގެ ސެކްރެޓޭރިއޭޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާބިތާގެ ޖަލްސާގައި އެ ޖަމާއަތުގެ އެންމެ މަތީ މަޖިލީހުގައި މިހާރު ތިއްބެވި 60 ބޭފުޅުންގެ ތެރެއިން 21 ބޭފުޅެއްގެ މެމްބަރު ކަމުގެ މުއްދަތު އިތުރުކުރުމަށް ޖަލްސާގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. އެ 21 ބޭފުޅުންގެ ތެރޭގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ދެން ތިއްބެވި 39 ބޭފުޅުންގެ ބަދަލުގައި އެހެން ބޭފުޅުންތަކެއް ރާބިތާގެ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސި ކަމަށް ވެސް މައުމޫންގެ ސެކްރެޓޭރިއޭޓުން ބުންޏެވެ.
ރާބިތާގެ ޖަލްސާގެ ތެރެއިން ވަނީ ރާއްޖެއަށް އެހީތެރިވުމަށް ގޮވާލައި ބަޔާނެއް ވެސް ނެރެފަ އެވެ. އެ ގޮތުން ރާއްޖެ އަށް މި ވަގުތު ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ރާބިތާގެ މުއައްސަސާތަކުންނާއި އިސްލާމީ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ރާބިތާގެ ޖަލްސާއަށް މައްކާއަށް ވަޑައިގެން އުޅުއްވަމުން މައުމޫން ވަނީ، ސައޫދީއަރަބިއްޔާގެ ވަލީ އަހުދު ނާއިފް ބިން އަބްދުލްއަޒީޒްގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު ހަސަން މަނިކުގެ މަންދޫބެއްގެ ގޮތުން ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ