ތިނަދޫ ހަތަރު ކުދިންގެ ޝަރީއަތް ހައި ކޯޓުން ހުއްޓުވައިފި

މިދިޔަ އަހަރުގެ ފެބްރުއަރީ 8 ގައި ރާއްޖޭގައި ހިންގި ހަމަނުޖެހުންތަކުގައި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިންކަމުގެ ޓެރަރިޒަމްގެ ދައުވާ ލިބޭ ހަތަރު ކުދިންގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރު ނެރެފި އެވެ.
އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ އޭގެ ތެރެއިން އެއް ކުއްޖަކު ޖުވެނައިލް ކޯޓުން ނިންމި ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލަ ބަލައި ނިމެންދެނެވެ.
އެ ކުއްޖާގެ ފަރާތުން އިސްތިއުނާފްކުރީ ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތައް ދައުވާ ލިބޭ ކުދިންނަށް ދޫނުކުރަން ޖުވެނައިލް ކޯޓުން ނިންމާފައިވާތީ އެ މައްސަލަ އެވެ.
ހައި ކޯޓުން ނެރުނު އަމުރުގައި އަންގާފައިވަނީ އެކަމުގައި ހައި ކޯޓުން ގޮތެއް ނިންމަންދެން އެ ޝަރީއަތް ކުރިއަށް ނުގެންދަން ޖުވެނައިލް ކޯޓަށް އަންގާ ކަމަށެވެ.
ހަތަރު ކުދިންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.
އެ ހަތަރު ކުދިންގެ އިތުރުން ސ. ގަމު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިންކަމުގެ ދައުވާ ވެސް ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ކުރެ އެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ