އިސްލާމީ މަރުކަޒުގެ ދޫލަ މައްސަލަ ކޯޓުން ބޭރުން ނިންމަން ވިސްނަނީ

އިސްލާމީ މަރުކަޒުގައި ކާޕެޓް ބަދަލުކުރަން ބީލަމުގެ އުސޫލުން ހަވާލުކުރި ކުންފުނިން، ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެ ކަމަށް ކޯޓުން ބޭރުގައި ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކާޕެޓް އެޅުމުގެ މަސައްކަތް 1.6 މިލިއަން ރުފިޔާ އަށް ހަވާލުކުރި ސްޕެކްޓްރާ ކޮންސެޕްޓް ކުންފުނިން ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް ބޭނުންވާ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރިއަށްނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ރޯދަމާ ދިމާކޮށް އެ ކުންފުނިން މިސްކިތުގައި ކާޕެޓް އެޅި ނަމަވެސް މިސްކިތުގެ މުށީގެ ސަފު ލައިނާއި ކާޕެޓްގެ ސަފު ލައިންތަކާ ދިމާނުވާތީ އެ ކާޕެޓް ވަނީ ނަގައިފަ އެވެ. ދީދީ ވިދާޅުވީ ކާޕެޓް އަޅަން ހަވާލުކުރިއިރު މިނިސްޓްރީގެ ޝަރުތަކަށް ވީ ސަފުތައް ދިމާވުން ކަމަށެވެ.
ކާޕެޓްގެ ފުޅާ މިނުގައި ތަފާތު ހުއްޓަސް މިސްކިތުގެ ސަފު ލައިން ދިމާވާ ގޮތަކަށް އެޅިދާނެ ކަމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުނީ އެގޮތާ މެދު މިނިސްޓްރީން ހިތްހަމަނުޖެހި ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވެގެންނެވެ. "ނަމަވެސް އެ ބޭފުޅުން ވިދާޅުވަނީ ކާޕެޓް ރަނގަޅުވާނެ ކަމަށް. އެކަމާ މެދު ހިޔާލު ތަފާތުވެ އެ ބޭފުޅުން ކޯޓަށް ވަޑައިގެންނެވީ. ނަމަވެސް އަޅުގަނޑުމެންނަށް އިޝާރާތެއް ލިބިފައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށް،" ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ