ކޮރަޕްޝަން ބަލާ ކޮމިޝަންގެ މެމްބަރު އަސްއަދުގެ ދައުވާ އަނބުރާ ގެންގޮސްފި

ސަރުކާރުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެކުލަވައިލެއްވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ، ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފައިނޭންސް ކޮންޓްރޯލަރު އަހްމަދު އަސްއަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އަނބުރާ ނަގައިފި އެވެ. ކްރިމިނަލް ކޯޓުގައި އަސްއަދުގެ މައްޗަށް މި އަހަރުގެ މެދުތެރޭގައި ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ދައުލަތުން އެދިފައި ވަނީ ބަދަލެއްގެ ގޮތުގައި 30 މިލިއަން ރުފިޔާ ނެގުމަށެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ނެގީ، ފަހުން ލިބުނު ހެކިތަކަކަށް ބަލައި، ބައެއް ކަންކަން، ދައުވާކުރި އަސާސްއާ ފުށުއަރާތީ ކަމަށެވެ. ޗާޕްކުރަން ހަވާލުކުރި ފޮތްތައް ހަމައަށް ނުލިބޭ ކަމަށް ބުނެ ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަކާ ގުޅިގެން މައްސަލަ އުފެދުނު އިރު، އެ ފޮތްތައް ޗާޕްކުރި ނޮވެލްޓީން ބައެއް ފޮތްތައް ބެހުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިވާ ކަން އޭސީސީން ފަހުން ހުށަހެޅި، ސިޓީއަކުން އެނގޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވާފައިވެ އެވެ. އެ މައްސަލައިގައިވާ ގޮތުން، ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އަސްއަދު އެންގެވުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގެވުން ކަމަށެވެ. އެ ޗާޕްގައި މައްސަލަތައް ހުރެގެން ބޭނުން ނުކުރަން އިސްލާމިކް މިނިސްޓްރީން ދައުލަތަށް އަންގާފައި އޮއްވައި، ފައިސާ ދޫކުރަން އެންގުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން އުޅުން ކަމަށް ވެސް އޭސީސީ އިން އެމައްސަލައާ ބޭހޭ ގޮތުން ނެރުނު ރިޕޯޓުގައިވެ އެވެ. އަސްއަދަށް އުފުލި ދައުވާ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިއްޔެ އަނބުރާ ނަގާފައި ވަނީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޭފުޅަކު، ކޮރަޕްޝަން ބަލާ ކޮމިޝަންގައި އިންނެވުމަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝޯޝަލް މީޑީއާގައި ފާޑުކިޔަމުން ދަނިކޮށެވެ. ދާދި ފަހުން އެ ކޮމިޝަންގެ މެމްބަރު، ގާނޫނީ ވަކީލު ހަނާ ވަހީދު ވަނީ ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ހަނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ