ހަކުރުބަލީގެ ދުވަސް ފާހަގަކުރުން ހުކުރު ދުވަހުގެ ހަވީރު ރަސްފަންނުގައި

ދުނިޔޭގައި މިއަދު ފާހަގަކުރާ ހަރުބަލީގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ހަރަކާތްތައް އަންނަ ހުކުރު ދުވަހު ބާއްވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަކުރު ބަލީގެ ދުވަހުގެ ރަސްމީ ޙަރާކާތްތައް ފެށޭނީ 16 ނޮވެންބަރު ވާ ހުކުރުދުވަހު ހަވީރު 4:00 ން 6:00 އަށް ރަސްފަންނު ސަރަހައްދު ގައި ކަމަށެވެ.
ރަސްމިއްޔާތުގެ ހަރަކާތްތައް ފެށުމުގެ ގޮތުގައި "ބްރީތް ލައިފް" އިން ބޮޑީ ފްލައިގެ ނަމުގައި ކަސްރަތު ހަރާކްތަކެއް ކުރިޔަށް ދާނެ ކަމަށާއި، މިހަރަކާތްތައް ކުރިޔަށްދާއިރު ޒުންބާ، ޕިލޮކްސިން އަދި ފްރީ ސްޓައިލް ގެ ކަސްރަތު ހަރަކާތް ތައް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައި ވާކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
އަދި ވޫޝޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މާޝަލް އާޓްސް ކުރިޔަށް ގެންދާއިރު، ހަކުރު ބައްޔާ ގުޅޭ ގޮތުން، މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން ބައެއް ޖަމިއްޔާ ޖަމާއަތްތައް އެ ސަރަހައްދުގައި ހަރަކާތްތެރި ވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މިއަހަރު ހަކުރު ބަލީގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އެޗްޕީއޭއިން ހަކުރު ބަލީގެ ހިރާސް ތަކަށް އަލި އަޅުވާލައިގެން ހަކުރުބަލީގެ ރަމްޒީ ކުލަކަމުގައިވާ ނޫކުލަޔާ ގުޅުވައިގެން "ގޯ ބްލޫގެ ނަމުގައި" ގިނަ ހަރާކާތް ތަކެއް ބޭއްވުމަށް ރޭވިފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެހަރަކާތްތައް ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާއިރު، ދުވަސް ފެށުމުގެ ގޮތުން އޮފީސް މާހައުލުގައި "ގޯ ބްލޫ ޗެލެންޖް" ގެ ނަމުގައި ކަސްރަތު ކުރުމުގެ ހަރާކާތަކާއި "ހެލްތީ ބްރޭކްފާސްޓް ޗެލެންޖް" ގެ ގޮތުގައި ހެނދުނުގެ ނާސްތާއެއް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ވެއެވެ.
އިންޓަރނޭޝަނަލް ޑައިބެޓީކް ފެޑަރޭޝަން ގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ދުނިޔޭގެ 425 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ.
ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންއިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހަކުރުބައްޔާއި އާއިލާ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ