ނ. އަތޮޅަށް ދަނޑެއް ލިބެންވާނެ: ނ. އަތޮޅު ރައްޔިތުން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ރާއްޖޭގައި އަޅާ ވިނަ ދަނޑުތައް އަޅާނެ ރަށްތައް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނު ކުރި އިރު، ނ. އަތޮޅުގެ އެއްވެސް ރަށެއް ނުހިމެނުމުން ގިނަ ބަޔަކު މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން އެބަދެއެވެ.
ވިނަ ދަނޑުތައް އަޅަން އެފްއޭއެމްއިން ނިންމާފައިވާ ރަށްތަކަކީ، ހއ. މުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުށްފުށި، ށ. މިލަންދޫ، ށ. ފޯކައިދޫ، ރ. އަލިފުށި، ބ. އޭދަފުށި، ބ. ފެހެންދޫ، އއ. މާޅޮސް، އދ. ފެންފުށި، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ގދ. ތިނަދޫ، ގދ. ހޯޑެއްދޫ، ތ. ތިމަރަފުށި، ޏ. ފުވައްމުލައް، ސ. ފޭދޫ އަދި ސ. ހިތަދޫއެވެ.
ރާއްޖެއަށް 2008ގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ކެޕްޓަން އައްސަދު އަބްދުލް ޣަނީއާއި މިއަހަރު އެ މުބާރާތް ކާމިޔާބު ކޮށްދިން އަކްރަމް އަބްދުލް ޣަނީ ނިސްބަތްވާ މާފަރު ހިމެނޭ ނ. އަތޮޅުގެ އެއްވެސް ރަށެއް މި ޕްރޮޖެކްޓުގައި ހިމަނާފައި ނުވުމަކީ އިންސާފެއް ނޫން ކަމަށް އެ އަތޮޅަށް ނިސްބަތްވާ ގިނަ މީހުންނާއި އެހެން އަތޮޅުތަކުގެ މީހުން ވެސް ގަބޫލު ކުރެއެވެ. މީގެ އިތުރުން ނ. އަތޮޅަކީ ގައުމީ ޓީމަށާއި ދިވެހި ފުޓުބޯޅައަށް ގިނަ މޮޅު ކުޅުންތެރިން ނެރެދީފައިވާ އަތޮޅެއް ކަން ފާހަގަކޮށްލެވެއެވެ.
މީސް މީޑިއާގައި މިކަމާއި ޝުއޫރު ފާޅުކުރަމުންދާ، ހާއްސަކޮށް ނ. އަތޮޅުގެ ރައްޔިތުން ބުނާ ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ، ސިޔާމް-މައުރޫފް ސޮކަ ކަޕް އެ އަތޮޅުގައި ކޮންމެ އަހަރަކު ބާއްވާއިރު، ރަނގަޅު ފެންވަރުގެ ދަނޑުތަކެއް އެ އަތޮޅުގެ ރަށްތަކުގައި އޮތުން ވަރަށް މުހިންމު ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދަނޑުތައް އަޅާނެ ރަށްތައް ނިންމާފައިވަނީ މިދިޔަ އަހަރާއި މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ގަދަ އަށަކަށް ދަތުރުކުރި ޓީމުތަކަށް ބަލާފައިކަމަށާއި އިތުރު ދެ ރަށް ހިމަނާފައިވަނީ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކުރިމަގަށް ވިސްނާފައި ކަމަށެވެ. 
ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ފީފާގެ ފުލީ ފަންޑެޑް ޕްރޮޖެކްޓެއްގެ ދަށުން މިހާރު ކުރިއަށް ގެންދަނީ އަހަރަކު ގުދުރަތީ ވިނައިގެ 20 ދަނޑު އެޅުމުގެ މަސައްކަތް ކަމަށާއި، އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ