ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނު ލައިފިއެވެ.
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކޮށްފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އެ ކަށުނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން އުމަރު ޒާހިރު ވަނީ ވަސިއްޔަތް ކުރައްވާފައެވެ. އަދި ކުރިން، އާސަހަރާގައި ފަސްދާނުލާ ގޮތަށް ކުރިން ހަމަ ޖެއްސި ނަމަވެސް ފަހުން ގަލޮޅު ސަހަރާއަށް ބަދަލު ކުރީއެވެ.
އުމަރު ޒާހިރު، އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމަރު ޒާހިރު އަވަހާރިވި އިރު އުމުރުފުޅަކީ 85 އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިމަހު 11 ވަނަ ދުވަހުއެވެ. ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން މި މަހުގެ 1 ވަނަ ދުވަހު އުމަރު ޒާހިރު ވަނީ ފުވަށްމުލަކު ސިޓީގެ ފުނާޑު އަވަށުގައި އަމިއްލަފުޅަށް ބިނާކުރެއްވި މިސްކިތް (މަސްޖިދުއް ސިއްދީގު) ހުޅުއްވުމަށް އެ ރަށަށް ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.
1950 ވަނަ އަހަރުގެ ތެރެއިން ފެށިގެން ގައުމީ ހިދުމަތް ކޮށް ދެއްވުމުގައި އުމަރު ޒާހިރު މެދުކެނޑުމެއް ނެތި ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އެގޮތުން އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާހިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުވެސް އުމަރު ޒާހިރު ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބު ކަމުގެ މަގާމުގައި ވެސް އުމަރު ވަނީ މަސައްކަތް ކުރައްވާފައެވެ.
އުމަރު ޒާހިރަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ހިދުމަތްތެރި އެއް ވަޒީރެވެ. އެމަނިކުފާނު ވަނީ 1983 ވަނަ އަހަރުން 1988 ވަނަ އަހަރާ ހަމަޔަށް ހޯމް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވާފައެވެ. އެއަށް ފަހު 1993 ވަނަ އަހަރާ ހަމައަށް އުމަރު ޒާހިރު ވަނީ މިނިސްޓާ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމު ފުރުއްވާފައެވެ.
1950 އިން ފެށިގެން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ވާތީ، އުމަރު ޒާހިރު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީނުގެ ޝަރަފު އެމަނިކުފަނަސް އަރުވާފައެވެ.
ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ