ބަންދުކުރާ މަސް އިތުރުކޮށް، މިފްކޯއަކީ ގެއްލުން ނުވާ ކުންފުންޏަކަށް ހަދަނީ

ދިވެހި މަސްވެރިންނަށް އެންމެ ބޮޑަށް ފައިދާ ވާނީ މިފްކޯއަށް ގަންނަ މަސ،ް ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ކަމަށާއި، އެހެންކަމުން މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިހާރު ގދ. ތިނަދޫގައި ކުރިއަށްދާ 'ޖަޒީރާ ހޮޅުއަށި' ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ބާނާ މަހުގެ ބޮޑު ބައެއް ބޭރުކުރަނީ ފިނިކުރި މަހުގެ ގޮތުގައި ކަމަށާއި އެއީ އަދި އެންމެ ފައިދާކުރަނިވި ގޮތް ނޫން ކަމަށެވެ. އެގޮތުން ރާއްޖެއަށް ބާނާ މަހުގެ މުޅި ޖުމްލައަކީ ގާތްގަނޑަކަށް އެއް ލައްކަ ފަންސާސް ހާސް ޓަނު ކަމަށާއި އޭގެ ތެރެއިން މިފްކޯ އަދި އެހެނިހެން ކުންފުނިތަކަށް ޖުމްލަކޮށް ގަނެވެނީ އެއް ލައްކަ ޓަނުގެ މަސް ކަމަށެވެ. "އަދި ގަތުމަށްފަހު ރާއްޖެއިން ބޭރަށް ފިނިކުރި މަހުގެ ގޮތުގައި ބޮޑު ބައެއް މި ބޭރު ކުރެވެނީ. އެއަށްވުރެ ކޭން ކޮށްގެން، ބަންދުކޮށްގެން ބޭރުކުރީމާ ލިބޭ އަގު ގާތްގަނޑަކަށް ހަތަރު ގުނަ އެބަ އިތުރުވޭ. މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ގާތްގަނޑަކަށް ކޭން މި ކުރެވެނީ 28-30 ޕަސެންޓު މަސް،" ރައީސް ވިދާޅުވި އެވެ. ނަމަވެސް މިފްކޯގައި ފައިދާވާ ހަމައެކަނި ތަނެއްގެ ގޮތުގައި އޮތީ މަސް ބަންދުކޮށްގެން ބޭރުކުރާ ފެލިވަރު އެކަނި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޖަޒީރާ ހޮޅުއަށި ތިނަދޫ ---ފޮޓޯ/ ރައީސް އޮފީސް އެހެންކަމުން މިފްކޯ އަށް ގަންނަ މަސް ބަންދުކޮށްގެން ބޭރުކުރެވިއްޖެއްޔާ މިހާރު ލިބޭ އަގަށް ވުރެ ބޮޑު އަގެއް ލިބިގެންދާނެ ކަމަށާއި، އޭރުން މިފްކޯ އިން މަސް ގަންނަ އަގު ވެސް ބޮޑުވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ކަމަށެވެ. "އެހެންކަމުން ސަރުކާރުން މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިންގޭ ތަނަކަށް ވެގެން ދާނެ. އެއަށްފަހުގައި ރާއްޖެއަށް ބާނާ މަސް އިތުރަށް ޕްރޮސެސް ކޮށް އިތުރު އަގު ހޯދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ. މިއަދު ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކީ މަސްވެރިކަން ކަމުގައި ނުވި ނަމަވެސް، އެންމެ ގިނަ އަދަދެއްގެ ފައިސާ ސީދާ ރައްޔިތުންގެ އަތްމައްޗަށް އަރާ މަސައްކަތަކީ އަދިވެސް މަސްވެރިކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ހަމައެކަނި މިފްކޯގެ ހިސާބުތަކަށް ބަލާއިރު ވެސް، މަސްގަތުމަށް އެ ކުންފުނިން މިދިޔަ އަހަރު 813 މިލިއަން ރުފިޔާ އަދި މި އަހަރު މިހާތަނަށް 467 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. "މި ފައިސާ އަކީ ސީދާ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ ގިނަ ފުރުސަތު ތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި މަސް ގަތުމަށް ޒޯން ތަކަކަށް ބަހާލާފައި އޮތް އޮތުން ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެހެން ނަމަވެސް މިއީ ހުޅުވާލެވިދާނެ ކަމެއް. ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ކޮންމެ ރަށަކުން ކޮންމެ މީހަކަށް މަސް ގަތުމުގެ ފުރުސަތު ހުޅުވާލުމަކީ ކުރެވިދާނެ ކަމެއް. އޭގެން މަސްވެރިންނަށް ކުރާ ފައިދާ އިތުރުވެގެންދާނެ ކަން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އިން އެކަމާ ގުޅޭ ދިރާސާއެއް ކޮށް، އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ނިންމުމުގެ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ހަމައެކަނި ކަނޑު މަސްވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި، ފަރުތަކުގައި އުޅޭ އަގުބޮޑު މަސް ދިރުވާ، ބޭރު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށާއި، ފަސޭހަ އިން އެން ލިބޭނެ ގޮތްތައް ހޯދުމަކީ ވެސް މަސްވެރިކަމުގެ ނަފާ އިތުރު ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ