މަޖިލީހުގައި ތިބެންވީ މިލިއަނަރުން - ގާސިމް

ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ މިލިއަނަރުން ކަމަށާއި، އެއިރުން ރިޝްވަތުދީގެން ވިކިގެން ނުދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، މަޖިލީހަށް ކުރިމަތިލާން ޖެހެނީ ތަޖުރިބާ ހުރި، ގާބިލު، ތައުލީމީ އަދި ފުއްދުންތެރިކަން ހުރި މީހުން ކަމަށެވެ. ނަމަވެސް އަމިއްލަ އަށް ކައިގެން ބޮއިގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުމުން އޭނާ މަސައްކަތް ކުރާނީ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ މީހާ މަސައްކަތް ކުރާނީ އަމިއްލަ ޖީބު ފުރާލުމަށް ކަމަށާއި، ނޫނީ ބަލާނީ އަމިއްލަ ކަމެއް ކުރެވޭ ކަމަށެވެ.
"އެމީހާ އަމިއަލައަށް ކައިގެން ބޮއެގެން އުޅެވޭނެވަރު ނެތް މީހަކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުނީމަ ވިދާޅުވެ ބައްލަވާ ދެން ކިހިނެތްތޯ ވާނީ. މުއްސަނދިންނޭ މަހުޖަނުންނޭ މިލިޔަނަރުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިލިޔަނަރުން ތިބެންވީ އެތަންތާގައި. އޭރުން އެ ވިދާޅުވާ ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ،" ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލީހަށް ހޮވަންވީ މުއްސަނދިން ކަމަށް ބުނެ އެފަދަ މޭރުމަކުން ގާސިމް ވަނީ ވާހަކަދައްކާވާފައެވެ. އެއިރުން ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ