ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ކުށްވެރިންތަކެއް ރާއްޖެ ގެންނަން އެއްބަސްވެފައިވާ ކަމަށް ބުނެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހަޅައި

ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކިއުބާގެ ގުއަންޓަނާމޯ ބޭގެ ޖަލުގައި ހައްޔަރުކޮށްފައިވާ ކުށްވެރިންތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެއްބަސްވުމުގެ ދަށުން ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ކުށްވެރިންތަކެއް ރާއްޖެ ގެނައުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ޔަގީންވެ ވަޑައިގެންފައިވާ ކަމަށާއި އެއީ އޭގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އޭނާ ވިދާޅުވީ މި އެއްބަސްވުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ބަދަލުކޮށްފައިވާ މުއާމަލާތުގެ ޑޮކިއުމަންޓަކާއި ދިވެހި ސަރުކާރުގެ ދެ ވުޒާރާއެއްގެ ދެމެދުގައި ބަދަލުކޮށްފައިވާ ސިޓީއެއް ވެސް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުއްވާފައިވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މުގައްރިރުގެ ނާއިބުގެ ހައިސިއްޔަތުން، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، މި ކަމުގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވައި މިކަން ހުއްޓުވައި ދެއްވައި މިކަމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަކަށް ފެންނާތީވެ، މި ކަމުގައި އިހުމާލު ވެފައިވާ ފަރާތްތައް، ވަކިން ހާއްސަކޮށް ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު އޭނާގެ މަގާމުގެ ހައިސިއްޔަތުން އިހުމާލުވެފައިވޭތޯ ބައްލަވައި ދެއްވުން އެދި ދެންނެވީމެވެ،" އަލީ ވަހީދުގެ ސިޓީގައި ވެ އެވެ.
މި މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހެޅުއްވުމަށް ފަހު މަޖިލީހުގެ އިދާރާ ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ރަނގަޅު ފެންވަރުގެ ޖަލެއް ވެސް ނެތްއިރު އަދި ކުށްކުރުމާއި މާރާމާރީތަކުގެ ތެރެއަށް ދިވެހި މުޖުތަމައު ގެނބިފައިވާ ހާލުގައި ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓުން ތިބި ޖަލުގެ ކުށްވެރިންތަކެއް ރާއްޖެ ގެނައުމަށް އެހެން ގައުމަކާ އެކު ދިވެހި ސަރުކާރުން އެއްބަސްވީއިރު ރައްޔިތުންގެ މަޖިލީހަށް އެކަން ނޭންގުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުށްވެރިން ރާއްޖެ ގެނައުމަށްޓަކައި ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ނުކުތާ ތަކާއި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި ފޮރިން މިނިސްޓްރީން ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާ ސިޓީގެ މައުލޫމާތުތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ގައުމީ ދިފާއީ ބާރާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ދިވެހި ރައްޔިތުން ވެސް ނުކުމެ މިކަމަށް ހުރަސް އަޅަންވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދަންވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދުގެ މި ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ގުއަންޓަނާމޯ ބޭ ޖަލު ބަންދު ކުރުމަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ރިޔާސީ ކެމްޕޭނުގެ ވައުދެއް ނަމަވެސް އެ ތަނުގެ ކުށްވެރިންތައް ރާއްޖެ ގެނައުމުގެ އެއްވެސް ރަސްމީ ވާހަކަތަކެއް ދިވެހި ސަރުކާރާ އެކު ދައްކާފައި ނެތް ކަމަށެވެ.
"ރައީސް [މުހަންމަދު ނަޝީދު] ވިދާޅުވަނީ އެފަދަ ކަމެއް ކުރުމަށް ގާނޫނީ އެއްވެސް ކަމެއް ކުރައްވާފައި ނެތް ކަމަށް. އިމިގްރޭޝަން ގާނޫނާ ހިލާފުވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވޭ. އަދި އިސްލާމްދީނަށް ހީނަރުކަން ލިބޭ ފަދަ ކަމެއް ވެސް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވޭ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. "ގާނޫނީ އޮނިގަނޑެއް އެކުލަވާލަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިޔަސް އެފަދަ އެއްވެސް ކަމެއް އޭޖީ އޮފީހަކުން ކުރިއަށް ނުދޭ. ރައީސް އޮފީހުގެ ލީގަލް ޓީމުން ވެސް ބުނަނީ އެފަދަ ކަމެއް ކުރިއަށް ނުދާ ކަމަށް."
ޒުހައިރު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަ ދުވަހު ރައީސް ނަޝީދު ހއ. މާރަންދޫގައި ވާހަކަފުޅު ދައްކަވަމުން ގުއަންޓަނާމޯ ބޭ ޖަލު ހުސްކޮށްލުމަށާއި އެތަނުގައި ތިބި އެތައް މުސްލިމުންތަކަކަށް ނިކަމެތި ގޮތްތައް ހަދަމުންދާ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެ އަމަލު ކުށްވެރި ކުރައްވައި އެ ޖަލު ހުސް ކުރެއްވުމަށް އެމެރިކާގެ ރައީސް ވެވަޑައިގެންނެވި ވައުދު އަވަހަށް ފުއްދަވައި ދެއްވުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން ގުއަންޓަނާމޯ ބޭ ޖަލު ހުސްކުރާއިރު އެތަނުގައި ތިބި މުސްލިމުން އެ މީހުންގެ ގައުމުތަކަށް ގެންދިއުމަށް އެ ގައުމުތަކުން އިއުތިރާޒް ކުރާނަމަ އެކަމުގައި ދިވެހި ސަރުކާރުން ހުޅުވިފައިވާ ނަޒަރަކުން ބައްލަވާނެ ކަމަށް އެ ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވާނެ ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
"ރައީސް އެ ގޮތަށް ވާހަކަފުޅު ދެއްކެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި. އޭގެ ފަހުން ގުއަންޓަނާމޯ ބޭ ޖަލުގެ ކުށްވެރިންގެ މައްސަލައިގައި ރަސްމީ އެއްވެސް މަޝްވަރާއެއް އެމެރިކާ ސަރުކާރުން ކޮށްފައެއް ނެތް،" ޒުހައިރު ވިދާޅުވި އެވެ.
ގުއަންޓަނާމޯބޭ ޖަލުގެ ކުށްވެރިންތަކެއް ރާއްޖެ ގެނައުމަށް މަސައްކަތް ނުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދިވަޑައިގަންނަވަމުން މިއަދު ވިދާޅުވީ ގުއަންޓަނާމޯ ބޭ ޖަލުގެ ޑިރެކްޓަރު މިދިޔަ އަހަރު ފަހުކޮޅު ރާއްޖެ ވަޑައިގެން އެ ޖަލުގައި ތިބި ތިން މީހަކާ ދިވެހި ސަރުކާރުން ހަވާލުވުމަށް ރައީސް ނަޝީދުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އޭރު ރައީސް ނަޝީދު އެއްބަސްވެ ވަޑައިނުގަންނަވާ ކަމަށް ހަވީރާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
"ގުއަންޓަނާމޯބޭ ޖަލުގެ ޗައިނީޒް ތިން މުސްލިމަކު ރާއްޖެ ފޮނުވަން އޭރު އެ ޖަލުގެ ޑިރެކްޓަރު ވާހަކަ ދެއްކެވީ. އެ މީހުން ބެލެހެއްޓުމަށްޓަކައި ވަރަށް އެކަށީގެންވާ ފީއެއް ވެސް ދެއްވާނަމޭ އޭނާ ވިދާޅުވި. އެކަމަކު ރައީސް ނަޝީދު އޭރު ވިދާޅުވެފައި ވަނީ ތިމަން މަނިކުފާނަށް ގޮތެއް ނިންމެވޭނީ ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ބައްލަވާފައޭ. އެހެންވެ އޭރު ރައީސް އެއްބަސްވެ ވަޑައިނުގެންނެވި. އޭގެ ފަހުން އެކަމާ ގުޅޭ އެއްކަމެއް ވެސް ހިނގި ކަމެއް އެނގިފައި ނެތް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ