ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އިންސާނާ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަ އެއްކަމަކީ އިޞްލާޙުކުރުމެވެ. ކަންކަން ރަނގަޅުކުރުމެވެ. އެކަމަށްޓަކައި މަސައްކަތްކުރުމެވެ. މިގޮތުން ކުރެވޭ ވަރަށް މުހިންމު އެއް ކަމަކީ ލިޔުމެވެ. އިންސާނުންގެ ނަފުސުތަކާއި، މުޖުތަމަޢާއި، ޤައުމާއި ދުނިޔެ އިޞްލާޙުކުރުމަށްޓަކައި އެކި މައުޟޫޢުތަކުގައި ލިޔެ ޢިލްމު ފެތުރުމެވެ. މި މަތިވެރި ޒިންމާ އަދާކުރާ ބަޔަކީ ލިޔުންތެރީންނެވެ.
މިއަދަކީ ދިވެހިރާއްޖޭގެ ލިޔުންތެރީންްގެ ދުވަހެވެ. މި ދުވަސް ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ [އަލްއިޞްލާޙު] އެވެ. އެ މަޖައްލާ ބުނާ ގޮތުން އެ މަޖައްލާގެ މަޤުޞަދަކީ ތަފާތު އެކި ދާއިރާތަކުން ދިވެހި ޤައުމު އިޞްލާޙުކުރުމެވެ. ޚާއްޞަކޮށް ދީނާއި އިޖުތިމާޢީ ދާއިރާއެވެ. އިޤުތިޞާދާއި ސިޔާސީ ދާއިރާއެވެ. ޢިލްމާއި ސަގާފަތާއި ތާރީޚުގެ ދާއިރާއެވެ.
ލިޔުންތެރިކަމުގެ މި ބިންގަލުގެ މައްޗަށް ދިވެހި އިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށެވެ. މިއަދުގެ ދިވެހިރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެއްޖެއެވެ. ލިިޔުންތެރީންގެ ދީނީ ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެއްޖެއެވެ.
ދީނީގޮތުން ބަލާއިރު، ދިވެހީންގެ ޢަޤީދާއާއި އަދަބު އަޚްލާޤު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ޤައުމަށް ބޭނުންވެއެވެ. އިޖުތިމާޢީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވެއެވެ. އިޤުތިޞާދީ ދާއިރާއަށް ބަލާއިރު، އާ ފުރުޞަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވެއެވެ. ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައެވެ. އެ މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށެވެ. ހަމަ އެހެންމެ ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށެވެ.
ކުރުކޮށް ދަންނަވާ ނަމަ، ލިޔުންތެރީންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިސްބަތުގައި ނޯވެއެވެ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ޤައުމާއި، އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކުކަމުގައި ވާން ޖެހެއެވެ.
ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ.
ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. ދީނީ ޢިލްމުވެރީން ދީނީ ރޮނގުންނެވެ. އަދަބީ ޢިލްމުވެރީން އަދަބީ ރޮނގުންނެވެ. ތާރީޚު ޢިލްމުވެރީން ތާރީޚީ ރޮނގުންނެވެ. ނޫސްވެރީންނާއި ސިޔާސީ ބޭފުޅުން އެދެ ދާއިރާއިންނެވެ. އެހެންކަމުން، ދިވެހި ލިޔުންތެރިކަމުގެ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އެންމެހައި ލިޔުންތެރީންނަށް މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑު އެދެނީ، ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމެވެ. ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހީންގެ ކަރާމަތާއި، ދިވެހި ޤައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކުރެއްވުމެވެ. އާ ޚިޔާލުތަކާއި، އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިވުމެވެ.
ދިވެހި ލިޔުންތެރިކަމަށް އަދަށްވުރެ ފަހި މާދަމާއެއް ދެއްވާށިއެވެ! ކުރިއެރުމާއި އަމަން އަމާންކަމުގައި މި ލޮބުވެތި ވަޠަން އަބަދުމެ ލަހައްޓަވާށިއެވެ!
އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ