މިދިޔަ އަހަރާ އަޅާބަލާއިރު ޓޫރިސްޓުންގެ އަދަދު ނުވަ އިންސައްތަ އިތުރު މިދިޔަ އަހަރާ އަޅާބަލާއިރު ޓޫރިސްޓުންގެ އަދަދު ނުވަ އިންސައްތަ އިތުރު

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އެންމެ ފަހުން ތަފާސްހިސާބު އާންމުކޮށްފައިވަނީ އިއްޔެ އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި މި ހިނގާ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ރާއްޖެ އައީ 1،141،988 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1،045،337 ޓޫރިސްޓުންނަށް ވުރެ 9.2 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުވީ ފެބްރުއަރީ މަހު އެކަންޏެވެ. އެ މަހާއި މާޗު މަސް ފިޔަވާ ދެން ކޮންމެ މަހެއްގައި ވެސް ޓޫރިސްޓުންގެ އަދަދު އިތުރުވި މިންވަރު ހުރީ 10 އިންސައްތައަށް ވުރެ މަތީގަ އެވެ.
ވަކިވަކި މާކެޓުތަކަށް ބަލާއިރު ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައީ މިދިޔަ އަހަރެކޭ އެއްގޮތަށް ޗައިނާ އެވެ. ދެވަނައިގައި ރަޝިޔާ އޮތް އިރު ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ ތިން ގައުމުން އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދުގެ 34.2 އިންސައްތަ ހިއްސާކުރެ އެވެ.
މިދިޔަ އަހަރުން ފެށިގެން ދަށްވަމުން އަންނަ އިންޑިއާ މާކެޓު އަދިވެސް އޮތީ ހަ ވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން އައިސްފައިވަނީ 68,218 ޓޫރިސްޓުންނެވެ.
މަހުން މަހަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވީ ނަމަވެސް ހޭދަކުރާ މުއްދަތު ކުރުވެ، ޖުމްލަ ބެޑްނައިޓްސް ކުރީ އަހަރަށް ވުރެ ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން ނެރުނު މަންތުލީ އިކޮނޮމިކް އަޕްޑޭޓުން ދައްކަ އެވެ.
ޓޫރިސްޓުން ހޭދަކުރާ މުއްދަތަށް އައި ބަދަލަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް ޓޫރިސްޓުން ހޭދަކުރާ އެވަރެޖު މުއްދަތު ހުރީ 7.8 ދުވަހުގަ އެވެ. ނަމަވެސް މި އަހަރު އެ މުއްދަތު ވަނީ 6.9 ދުވަހަށް ވެއްޓިފަ އެވެ.
ރިސޯޓުތަކުގެ އޮކިއުޕަންސީ ވެސް ވަނީ ކުރީ އަހަރަށްވުރެ ދަށްވެފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޭޕްރިލްގައި އޮކިއުޕަންސީ 62 ޕަސެންޓުގައި ހުރި ނަމަވެސް މި އަހަރުގެ އޭޕްރީލްގައި އޮކިއުޕަންސީ ހުރީ 60 ޕަސެންޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ