ޒަކަރިއްޔާގެފާނުގެ ވާހަކަ‍- ‍2: ދަރިކަލަކަށް އެދިވަޑައިގެން ކުރެއްވެވި ދުޢާފުޅު

ޢަލީ އިޙްޞާން ފިރާޤް
 
ދުޢާފުޅު: 
ނުމޫސުމުގެ މޭވާއިން މަރްޔަމުގެފާނާށް ރިޒުޤު ލިބިވަޑައިގަންނަވަމުންދާ މަންޒަރު ދެކެވަޑައިގެން زكريّا عليه السّلام ގެ ހިތްޕުޅުގައި ޞާލިޙު ދަރިކަލަކަށް ޝައުޤުވެރިކަން ޝުޢޫރު ހިތްޕުޅުގައި ހިނގައިގަތެވެ. ޞާލިހު ދަރީން ދެއްވުމަށް އެދިވަޑައިގެންނެވުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ.  އެހެންކަމުން އެކަލޭގެފާނު މިޙްރާބުގޭގައި ހުންނަވާ ދަރިކަލަކަށް އެދިވަޑައިގެން ދުޢާފުޅު ކުރައްވަމުން ގެންދެވިއެވެ. އާލު ޢިމްރާނު ސޫރަތުގެ 38 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾
މާނައީ: [އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.] 
زكريّا عليه السّلام،  މާތްﷲ سبحانه وتعالى ޙަޟްރަތުގައި ކުރެއްވެވި ދުޢާގެ ތަފްސީލު މަރްޔަމް ސޫރަތުގައި ބަޔާން ކުރައްވައިފައިވެއެވެ. އެ ސޫރަތުގެ 1 ވަނަ އާޔަތުން ފެށިގެން 6 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ. 
كهيعص ﴿١﴾ ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا ﴿٢﴾ إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا ﴿٣﴾ قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا ﴿٤﴾ وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾ يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا ﴿٦﴾ 
މާނައީ: [ك هـ ى ع ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ. އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ. އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ.!] 
މިދެންނެވި ފަދައިން ދުޢާފުޅު ކުރެއްވިއިރު زكريّا عليه السّلام  ވަނީ މުސްކުޅިފުޅުކަމުގެ ނިހާޔަތަށް ފޯރައިފައެވެ. އަލްއިމާމުލް ޤުރްޠުބީ، އާލު ޢިމްރާނު ސޫރަތުގެ 40 ވަނަ އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު زكريّا عليه السّلام  އަށް ލިބިވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 120 އަހަރުފުޅެވެ. އޭރު އެކަލޭގެފާނުގެ އަނބިކަނބަލުންގެ ޢުމުރުފުޅަކީ 98 އަހަރުފުޅެވެ.]
{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، އާލު ޢިމްރާން ސޫރަތުގެ 40 ވަނަ އާޔަތުގެ ތަފްސީރު} 
އިމާމު ޤުރްޠުބީ އޭނާ ލިޔުއްވި ތަފްސީރު ކަމުގައިވާ الجامع لأحكام القرآن ގައި ބަޔާން ކުރައްވާފައިވަނީ ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ إيشاع بنت فاقوذا بن قبيل ކަމަށެވެ. އެކަމަނާއަކީ މަރްޔަމުގެފާނު މައިކަނބަލުން حنة بنت فاقوذ ގެ އުޚްތެއްކަމަށް ޠަބަރީ ރިވާ ކުރައްވާފައިވެއެވެ. އިތުރު އެހެން ރިވާޔަތެއްވެސް އެކަމަނާގެ ނަންފުޅާއި ނަސަބުފުޅާމެދު ރިވާވެގެންވެއެވެ. އެ ރިވާޔަތުގައިވަނީ ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ إيشاع بنت عمران ކަމަށެވެ. މި ރިވާޔަތުގައިވާ ގޮތުން އެކަމަނާއަކީ މަރްޔަމުގެފާނުގެ ޙަޤީޤީ އުޚުތެކެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ،  13 ވަނަ ޖިލްދުގެ 412 ވަނަ ޞަފްޙާ}
زكريّا عليه السّلام ގެ ދުޢާފުޅުގައި އެކަލޭގެފާނު ވިދާޅުވެފައިވާކަމަށް މަރްޔަމު ސޫރަތުގެ ހަވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾ يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا ﴿٦﴾ 
މާނައީ: [އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! ތިމަންއަޅާއާއި، يعقوب ގެފާނުގެ آل ވެރިންގެ ކިބައިން ވާރުތަވާނޭ وارث އެކެވެ. އަދި މިއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ.!] 
މިދެންނެވި އާޔަތުގައިވާ وارث އަކު އޭ އޮތް ބަސްފުޅުގެ މުރާދަކީ މުދާ ވާރުތަކުރާ ދަރިކަލެއްނޫނެވެ. އޭގެ މުރާދަކީ ނަބީކަން ވާރުތަކުރުންކަމަށް މުފައްސިރުން ވިދާޅުވެފައިވެއެވެ. އެހެނީ ނަބީބޭކަލުންނަކީ މުދާ ވާރުތަގެ ގޮތުގައި ބެހެވޭ އެއްޗެއް ނޫނެވެ. އެބޭކަލުން ދޫކުރައްވައިފައިވާ މުދަލަކީ ޞަދަޤާތެވެ. ސުނަނު އަބީ ދާވޫދުގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވިއެވެ. 
" وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ" {سنن أبي داود، كتاب العلم،باب الْحَثِّ عَلَى طَلَبِ الْعِلْمِ، ޙަދީޘް ނަންބަރު 3641}
މާނައީ: [އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން، ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ.]
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ