އައްޑު އަތޮޅުގެ ރަށްރަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭސް ފަރުވާ އަށް އަންނަ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުން އަންނަ ކަމަށް ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމުގެ އައްޑޫ ކެމްޕޭން އޮފީހުން ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ހުންނަ މައުމޫން ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ކެމްޕޭން މެނޭޖަރު ހުސެން ސޯލިހު ވިދާޅުވީ ރަށްރަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންނަށް ހިލޭ ދަތުރުތައް ހަމަޖައްސައި ދިނުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި އެހިދުމަތް އާންމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމަށެވެ. އަދި އެކަން ސަރުކާރަށް ހުށަހަޅައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަތޮޅުގެ މީހުން ދިރިއުޅޭ ހަ ރަށުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދޫން ބޭސް ފަރުވާ އަށް އަންނަ މީހުންނަށް ގުޅިފައިވާ ރަށްތަކަށް އައުމުން އެއްގަމު ދަތުރު ހިލޭ ދޭ ގޮތަށް ނިންމައިފައިވާ އިރު، އެމީހުން ކުރަން ޖެހޭ ކަނޑުދަތުރުގެ ހަރަދާ މެދު އަދި ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ވެސް ހުސެން ސޯލިހު ވިދާޅުވި އެވެ.
"މިގޮތަށް ހިޔާލުކޮށްގެން އަޅުގަނޑުމެން މިކަމާ ގުޅޭ ކަންތައްތައް ކުރަމުން އަންނަތާ މިހާރު ގާތްގަޑަކަށް ހަތަރު ވަރަކަށް މަސްވެއްޖެ. މިކަމަކީ ޑީއާރްޕީން އިސްނަގައިގެން ސަރުކާރަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ކަމެއް. އެކަމަކު މިއީ ހަމައެކަނި ބޭސް ފަރުވާ އަށް އަންނަ މީހުންނަށް އަޅުގަނޑުމެން ހަމަޖައްސައިދެމުން އަންނަ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ. "މިކަމަކީ އާންމުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ."
ހުސެން ސޯލިހު އިތުރަށް ވިދާޅުވީ މިއަތޮޅުގެ ވެރި ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންނަށް ހިލޭ ދަތުރުތައް ހަމަޖައްސައި ދިނުމަށްޓަކައި މިއަތޮޅުގެ ޓެކްސީ ސެންޓަރުތަކާ ވާހަކަ ވެސް ދައްކަމުން އަންނަ ކަމަށެވެ. އަދި މިކަން ހަމަޖެހިގެން އަންނާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަން ކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ އިރު އަޅުގަނޑުމެން މިހާރު މިއަންނަނީ މިއަތޮޅުގެ ޓެކްސީ ސެންޓަރުތަކާ ވެސް ވާހަކަ ދައްކަމުން. އަދި އަމިއްލަ ގޮތުން ޓެކްސީ ކުރާ ފަރާތްތަކަށް ވެސް މިފުރުސަތު އަޅުގަނޑުމެން ހުޅުވާލާނަން،" އޭނާ ވިދާޅުވި އެވެ. "އެހެންނަމަވެސް މިކަހަލަ ކަމެއް ކުރާ އިރު ބޮޑަށް ފުރުސަތު އޮންނާނީ ޓެކްސީ ސެންޓަރުތަކަށް. އަދި މިކަން ކުރާނީ ހެލްތު މިނިސްޓްރީގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބިގެން."
ހިތަދޫ މައުމޫން ކެމްޕޭން އޮފީހުން ބުނިގޮތުގައި އާންމުންނަށް މިހިދުމަތް ދިނުމަށް ރާވައިފައިވާ އިރު ސަރުކާރަށް ފައިދާވާ ގޮތަށް ވެހިކަލްތައް ގެނެސްގެން މިކަން ކުރުމުގެ ބަދަލުގައި ބޭނުން ވަނީ ވީހާ ވެސް ބޮޑަށް ޓެކްސީ ސެންޓަރުތައް ހިންގާ ފަރާތްތަކަށް ފައިދާ ވާ ގޮތަށް މިކަން ކުރުމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ކާމިޔާބު ކުރެވިއްޖެނަމަ މިއަތޮޅުގެ ގަމުން ހިތަދު އަށް 10ރ. އަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް އަންނި ވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިހާބު 2008: ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ އަށް ދާ މީހުންނަށް ދަތުރުފަތުރު ހިލޭކުރެވޭނެ ގޮތްތަކެއް ޑީއާރުޕީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ