ރާއްޖޭގެ މަތީ ތައުލީމު ހޯދާ ނިސްބަތް އުޅެނީ ސޯމާލިއާ އާއި އިތިއޯޕިޔާއާ އެއް ދަރަޖައެއްގައި: ރައީސް
ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރަނީ އުމުރުން 17 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން އެންމެ ހަތް ޕަސެންޓް ކުދިން ކަމަށާއި މިއީ ސޯމާލިޔާ އާއި އިތިއޯޕިޔާއާ އެއް ނިސްބަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ޓީޗަރުންނަށް އެވޯޑް ދިނުމަށް ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަތީ ތައުލީމު ހޯދަން ޖެހޭ ކުދިންގެ ތެރެއިން ރާއްޖޭގައި އެ ފުރުސަތުގެ ބޭނުން ހިފަނީ އެންމެ ހަތް ޕަސެންޓް ކުދިންނަށް ވީ ނަމަވެސް ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އެ އަދަދު 50 އާއި 60 ޕަސެންޓަށް އަރާ ކަމަށެވެ. އެގޮތުން ސިންގަޕޫރުގައި އެ ނިސްބަތް 50 ޕަސެންޓަށް އަދި ސައުތު ކޮރެއާގައި 90 ޕަސެންޓަށް އަރާއިރު ރާއްޖޭގައި މަތީ ތައުލީމު ހޯދާ ނިސްބަތް އުޅެނީ ސޯމާލިއާ އާއި އިތިއޯޕިއާ އެއް ދަރަޖަ އެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.މަތީ ތައުލީމު ހޯދާ ޒުވާނުންގެ އަދަދު އެންމެ ހަތް ޕަސެންޓްގައި ހުރެގެން ރާއްޖެ ހޯދަން ބޭނުންވާ ތަރައްގީއެއް ނުހޯދޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ތަރައްގީއަށްޓަކައި ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ތައުލީމީ ފެންވަރު ރަނގަޅުކޮށް، ޓީޗަރުންނަށް އަޅާލައި އެ މީހުންގެ ސިޔާސަތުތައް ހަރުދަނާ ކުރުން ކަމަށެވެ. އަދި ސަރުކާރުން ތައުލީމީ ދާއިރާ އަށް ރަނގަޅަށް ހަރަދު ކުރުން ވެސް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ."އަޅުގަނޑަކަށް މި ވަގުތު އަދަދެއް މުޅިއަކުން ދަންނަވާކަށް ނޭނގޭ. ނަމަވެސް މިހާރު މީގެ މަސައްކަތް ކުރިއަށް މިދަނީ. އަޅުގަނޑު އުއްމީދުކުރަން މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ އަދަދެއް މިފަހަރު ތައުލީމަށް ހަރަދު ކުރެވޭނެ ކަމަށް... ހަރަދު ކުރަން ބޭނުން ވެއްޖެ ނަމަ ފިސާރި ރަނގަޅަށް އަޅުގަނޑުމެން އެކަން ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ. ތަރައްގީގައި ޓީޗަރުންގެ ރޯލު ވަރަށް ބޮޑުކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޓީޗަރުންނަށް ދޭން ޖެހޭ މުސާރަ މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ވިދާޅުވީ "އަންނަ އަހަރު ޓީޗަރުންނަށް މިހާރަށް ވުރެ ރަނގަޅުގޮތެއް ހަދައިދޭނެ ވާހަކަ ދަންނަންވަން ދަތި" ކަމަށެވެ. "...ހާއްސަ ގޮތެއްގައި އާމްދަނީ އަށް އަންނަ ބަދަލުތައް މިނަން ޖެހޭ. މި ރޮނގުން އަލުގަނޑުމެންނަށް ވާހަކަ ދައްކަން ފަސޭހަވާނީ (އާމްދަނީ އަށް އަންނަ ބަދަލު) މިނުމަށްފަހު." ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ އަލަށް މިހާރު އުފައްދާފައިވާ މުއައްސަސާތަކާއި ޝަރީއަތުގެ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް ފަދަ މުސްތަގިއްލު ތަންތަނަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު އެ ފަދަ ތަންތަނަށް ސަރުކާރުން ކުރަނީ ބޭކާރު ހަރަދެއް ނޫން ކަމަށެވެ. އަދި އަލަށް ތައާރަފްކުރާ މުއައްސަސާތަކެއް މީގެ ތެރޭގައި ހިމެނޭ އިރު މި (މުއައްސަސާތައް) އަށަގެންވުމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރަނީ ގާނޫނު އަސާސީ ކާމިޔާބުކޮށް، ގައުމުގެ ތަރައްގީއަށްޓަކައި ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރާއްޖެ ބޭނުންވާ ތަރައްގީ ހޯދެން އޮތީ ފަންނީ ތައުލީމު ލިބިފައިވާ ޒުވާނުން އިތުރުކޮށްގެން ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ޓީޗަރުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ރައީސް ވަނީ ޓީޗަރުންގެ ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ މަނިކުފާނު ރާއްޖޭގެ 108 ސްކޫލަކަށް ޒިޔާރަތް ކުރެއްވިއިރު ސްކޫލުގައި ޓީޗަރުން އަމިއްލަ އެދުމެއް ނެތި ކުރާ މަސައްކަތްތައް ފެނިފައި އަޖައިބުވެވަޑައިގަތް ކަމަށެވެ. އަދި ޓީޗަރުންގެ އެ ވަޒީފާ އަކީ ފަސޭހަ ވަޒީފާއެއް ނޫން ކަމުގައި ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ސްކޫލުތަކަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ އިމާރާތްތަކެއް ކަމަށާއި ސްކޫލުތައް ޑިޒައިން ކުރުމުގައި ފުޅާކޮށް މިހާރު ވިސްނަން ޖެހިފައިވާ ކަމަށެވެ. "ރާއްޖޭގެ ކޮންމެ ސްކޫލަކަށް ދެވުނަސް އެ ސްކޫލެއްގެ ފާހާނަ އަށް ދެވޭތޯ އަޅުގަނޑު ބަލަން. އަޅުގަނޑަށް ފާހަގަ ވެފައިވާ ގޮތުގައި އަންހެން ކުދިންގެ ތެރެއިން 60 ޕަސެންޓަށް ވުރެ ގިނަ ކުދިން މަދަރުސާ ގަޑީގައި ކުޑަކަމަކު ނުދޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި ބަލިތައް ޖެހުމާއި އަދި ހާއްސަކޮށް އަންހެން ކުދިންނަށް ޖެހޭ ބަލިތައް ދިމާވުމުގައި (އަޅުގަނޑަށް ލަފާ ކުރެވޭ) ވިސްނާނުލެވި، ބޮޑުކަމެއްގެ ގޮތުގައި މިކަން ނުދެކުން. ފާހާނާ އަށް ނުދާ ވަރަށް ގިނަ ކުދިން އެބަ އުޅޭ. އެހެން ކަމުން މަދަރުސާ ޑިޒައިން ކުރުމުގައި ފުޅާ ވިސްނުމެއް އެބަ ގެންގުޅެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ޓެކްސް ފަދަ ތަކެތިން ލިބޭ ފައިދާއިން އަންނަ އަހަރު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުވާނެ ކަމަށެވެ. އެހެން އަހަރުތަކުގައި ދައުލަތަށް ލިބޭނީ އާއްމުކޮށް ހަތް ބިލިޔަނެއް ރުފިޔާ ނަމަވެސް އަންނަ އަހަރު އެ އަދަދު 10 ބިލިޔަނަށް އަރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑުމެން އެ ފައިސާގެ އެންމެ ބޮޑުބައެއް ހަރަދު ކުރާނީ ތައުލީމީ ދާއިރާ އަށާއި ސިއްހީ ދާއިރާ އަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ