އަތޮޅުތެރޭގެ ރަށެއްގައި ހުންނަވަނިކޮށް މިރޭގެ ޖަލްސާއަށް ގާސިމް ގެނެސްފި

ޤާނޫނު އަސާސީ ސަރުކާރުން ބޭނުންވާ ގޮތައް އިސްލާހް ކުރަން މިރޭ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނެސްފިއެވެ.
ގާސިމް މިރޭގެ ޖަލްސާއަށް ގެނައީ ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ބޭނުންވާ 66 މެންބަރުންގެ ވޯޓް ނުލިބިދާނެ ކަމަށް ބެލެވިފައި ވުމުންނެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 65 މެންބަރުންނެވެ. ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އުނިކުރުމުން އެމްޑީޕީއަށް 64 މެންބަރުން ހަމަވި ނަމަވެސް، މިހާރު މާލޭގައި ތިއްބެވީ އެމްޑީޕީގެ 63 މެންބަރުންނެވެ. އެމްޑީޕީގެ އެއް މެންބަރަކު ރާއްޖޭގައި ވަޑައިގެން ނޫޅުއްވައެވެ.
އެހެންކަމުން މިރޭ ޤާނޫނު އަސާސީ އިސްލާހް ކުރެވެން އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރުން ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓް ދެއްވައިގެންނެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް މިއަދު ކުއްލިގޮތަކަށް މާލެ ވަޑައިގެންނެވީ މިރޭގެ ޖަލްސާގައި އޭނާ ބައިވެރިވުމަށް ސަރުކާރުން އެންގުމުންނެވެ. ގާސިމް މާލެ ވަޑައިގެންނެވީ ސީދާ ކޮންރަށަކުން ކަމެއް ކަށަވަރެއް ނުވެއެވެ. ކޮވިޑް-19 ފެތުރޭތީ ގާސިމްގެ ހަގު އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވެސް ހުންނެވީ ގާސިމްގެ ރިސޯޓްގައެވެ.
ޖަލްސާގައި ބައިވެރިވާން ގާސިމް، މާލެ ވަޑައިގެންފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ގާސިމް ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާލުމުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ކޮވިޑް-19 ފެތުރެން ފެށުމުން އޮންލައިންކޮށް ބޭއްވި މަޖިލިސް ޖަލްސާތަކުގައި ވެސް ގާސިމް ބައިވެރިއެއް ނުވެއެވެ.
ސަރުކާރުން މިހާރު ވަނީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތައް ދިނުމަށް ޤާނޫނެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ޤާނޫނަކީ ގާސިމް ފަދަ މަހުޖަނުން ބޭނުން ވެގެން ފާސްކުރަން އުޅޭ ޤާނޫނެއް ކަމަށް ބުނެ ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.
ޖޭޕީގެ މެންބަރުން ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓް ދެއްވި ނަމަވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާހް ފާސްނުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެމްޑީޕީގެ ހަތަރު މެންބަރަކު ޤާނޫނު އަސާސީ އިސްލާހް ކުރުމާއި ދެކޮޅު ހައްދަވާފައި ވާތީއެވެ. އެމެންބަރުން މިރޭ ޕާޓީގެ ވިޕްލައިނާއި ހިލާފަށް ވޯޓް ދެއްވައިފިނަމަ އެމްޑީޕީ އާއި ޖޭޕީ މެންބަރުން އެކުވެގެން ވެސް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެއެވެ.
ޤާނޫނު އަސާސީ އިސްލާހް ކުރަން ވޯޓަށް އަހާނީ މިރޭ މެންދަމު 01:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ