ގާސިމް ޖަލްސާއަށް ހާޒިރުކޮށްދޭން އެންގިކަމެއް އެނގިފައެއް ނެތް: އަމީންއާންމު

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް އެއްވެސް ސިޓީއެއް ފޮނުވާފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވީނިއުސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީންއާންމު ވިދާޅުވީ ގާސިމް އިބްރާހީމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދިނުމަށް އެދި އެމަނިކުފާނަށް އެނގިވަޑައިގެން މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ނުވާ ކަމަށެވެ.
މަޖިލީހުގެ އިދާރާ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތެއް އަދާކުރައްވާ ބޭފުޅަކީ އަމީންއާންމެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލާގައި ފުލުހުން ވަކި އެއްޗެއް ލިޔުމުން މަޖިލީހުގެ އިދާރާއަށް އަންގާފައިވޭތޯ ދެންނެވުމުން އަމީންއާންމު ވިދާޅުވީ ފުލުހުންގެ ފަރާތުން އެމައްސަލާގައި މަޖލީހުގެ އިދާރާއަށް ލިޔުމުން ވަކިއެއްޗެއް މިހާރު އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލާގައި ފުލުހުންގެ އިދާރާއިން މަޖިލީހުގެ އިދާރާއަށް މިހާރު ވަކިއެއްޗެއް އަންގާފައިވީ ނަމަވެސް ގާސިމް އިބްރާހީމް ހައްޔަރުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް ފުލުހުން އަމަލުކޮށްފައި ނުވާ ކަމަށް ޖުމްހުރީ ޕާޓީން މީގެ ކުރިން ބުނެފައިވެ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރަކު ހައްޔަރުކުރުމަށްފަހު ހައްޔަރުކުރި މެންބަރުގެ މައުލޫމާތު ގިނަވެގެން 15 މިނިޓް ތެރޭގައި މަޖިލީހުގެ ރައީސްއަށް ނުވަތަ އަމީންއާންމަށް އަންގަންޖެހެ އެވެ. ނަމަވެސް ގާސިމް އިބްރާހީމް މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިޝާ ނަމާދު ވަގުތާ ދިމާކޮށް ހައްޔަރުކުރުމާ ގުޅިގެން އެރޭ 23:58 ހާއިރު ވީނިއުސް އިން އަމީންއާންމަށް ގުޅުމުން ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވާ ކަން އޭރު ވެސް ފުލުހުން އެމަނިކުފާނަށް އަންގާފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށްވެސް މިމާއްދާގައިވެ އެވެ. ނަމަވެސް ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިމާއްދާގައިވާ ގޮތަށް ޕީޖީގެ އެެއްވެސް ދައުރެއް ނެތި ފުލުހުން ސީދާ ކްރިމިނަލް ކޯޓަށް ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދެއްވި ކޯޓު އަމުރެއްގެ ދަށުންނެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމުގެ ކަންކަން ކުރިއަށް ދިޔައީ ގާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން ކަން މަޖިލީހުގެ ގާނޫނީ ޓީމުން ބެލިބެލުމުން އެނގިފައިވޭތޯ ދެންނެވުމުން ކުޑައިރުކޮޅަކަށް ހަަމަހިމޭންވެލުމަށްފަހު އަމީންއާންމު ވިދާޅުވީ އެކަމުގައި މަޖިލީހުގެ އިދާރާއިން ވަކި އެއްޗެއް ބުނަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އެތެރޭގެ ކަންކަން ހިނގަންޖެހޭ ލިޔުން މަޖިލީހުގެ އިދާރާއަށް ލިބުމުން ކޮމިޓީތަކަށް ފޮނުވަންޖެހޭ ލިޔުން އެބޭފުޅުން ކޮމިޓީތަކަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ރައީސް މަޖިލީހުގެ އިމްތޔާޒު ކޮމިޓީއަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނެ ވަކި ދުވަހެއް އަދި ވަކި ވަގުތެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އަމީންއާންމު ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލާގައި ގުޅިފައިވާ ޕާޓީ ތަކުން ޕާޓީ ތަކުގެ މެންބަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވީ ގާސިމް އިބްރާހީމް ހުންނެވީ ބަންދުކޮށްފައި ނޫން ކަމަށާއި "ރަހީނުކޮށްފައި" ކަމަށެވެ. އަދި ގާސިމް އިބްރާހީމް "ރަހީނުކުރި" މީހުންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށްވެސް ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ