ގާނޫނުއަސާސީއަށް ހުށަހެޅުނު އިސްލާހަށް ތުރުކީ ރައްޔިތުން "އާނއެކޭ" ބުނެފި

ސަރުކާރުގެ އޮނިގަނޑުން ބޮޑުވަޒީރުގެ މަގާމު އުވާލައި، ތުރުކީގެ ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަށް ތުރުކީގެ ރައްޔިތުން "އާނއެކޭ" ބުނެފިއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހްތަކާމެދު މިއަދު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި، އިސްލާހްތަކަށް ފެންނަ ކަމަށް ވޯޓްލީ މީހުންގެ %51.3 މީހުން ތާއީދު ކޮށްފައިވާ ކަމަށް މިހާތަނަށް ހާމަކުރެވުނު ވަގުތީ ނަތީޖާތަކުން ދައްކާފައި ވެއެވެ.
އެހެން ނަމަވެސް، މިހާރު ހާމަވެފައިވާ ނަތީޖާއަކީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހްތަކާ ދެކޮޅަށް ނުވަތަ ނުފެންނަ ކަމަށް ކެމްޕެއިން ކުރި މީހުންގެ ނަތީޖާއާ ވަރަށް ގާތް ނަތީޖާއެއްކަން ފާހަގަ ކޮށްފައި ވެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް %51.3 މީހުން "އާނއެކޭ" ބުނެފައިވާއިރު، %48.7 މީހުންވަނީ "ނޫނެކޭ" ބުނެފައެވެ. ތުރުކީގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ތުރުކީގެ ރަސްމީ ނޫސް އޭޖެންސީ އަނަޑޮލުއިންވަނީ މި ނަތީޖާތައް އާންމު ކޮށްފައެވެ.
ތުރުކީގެ މިހާރުގެ ބޮޑުވަޒީރު ބިންއަލީ ޔިލްޑިރިމްވަނީ މިއަދުގެ ވޯޓް ސަރުކާރަށް ކާމިޔާބުވެއްޖެކަން އިޢްލާން ކުރައްވާފައެވެ. ޔިލްޑިރިމް ވިދާޅުވެފައިވަނީ ތުރުކީގެ ދީމިގްރާތީ ހަޔާތުގައި އާ ސަފުހާއެއް ހުޅުވިއްޖެ ކަމަށެވެ.
"މިހާރު ލިބުނު ނަތީޖާއަށް ބަލާއިރު ރިޔާސީ ނިޒާމަށް ރައްޔިތުން އާނއެކޭ ބުނެފި. މިއީ ރައްޔިތުންގެ ނިންމުން. އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ތާރީޚްގައި މި ހުޅުވުނީ މުޅީން އާ ސަފްހާއެއް" އަންކާރާގައި ހުންނަ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ މައި މަރުކަޒު ކުރިމައްޗަށް އެއްވެފައިވާ ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ވޯޓުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ވޯޓްގައި ގޯސްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެންމެބޮޑު އިދިކޮޅު ދެ ޕާޓީންވަނީ އެމައްސަލައާއިގެން ކުރިއަށްދާނޭ ކަމަށް ބުނެފައެވެ. ވޯޓްގެ ތެރޭގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.
ތުރުކީގެ ގާނޫނުއަސާސީއަށް ސަރުކާރުން ގެނައި އިސްލާހްތައް ފާސްވުމާއެކު، ސަރުކާރުގެ މުޅި އޮނިގަނޑު ބަދަލުކޮށް ވެރިކަމުގެ ހުރިހާ ބާރުތައް ރައީސަށް ނަގުލް ކުރެވޭނެއެވެ. މިބަދަލުތަކަކީ ތުރުކީ ހުދުމުޚުތާރު ވެރިކަމަކަށް އެނބުރިގެން ދިއުންކަމަށް ޔޫރަޕުން ގެންދިޔައީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ