މަޖިލިސް ދެ ގެއަކަށް ބަދަލުކޮށް ސެނެޓެއް އުފައްދަން މައުމޫން ހުށަހަޅުއްވައިފި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާފައިވާ އިސްލާހީ ހަރަކާތް މައުމޫން ރީފޯމް މޫވްމަންޓްގެ މެނިފެސްޓޯ އާންމުކޮށްފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު މަސައްކަތް ކުރައްވާ ރައީސް މައުމޫންގެ އިސްލާހީ ހަރަކާތުގެ ތަސައްވުރު މެނިފެސްޓޯއެއްގެ ގޮތުގައި އާންމުކޮށްފައިވަނީ މައުމޫން ރީފޯމް މޫވްމަންޓްގެ ނަމުގައި ހަދާފައިވާ ހާއްސަ ވެބްސައިޓެއްގަ އެވެ.
ސޯޅަ ދާއިރާއެއް ހިމެނޭ މި މެނިފެސްޓޯގައި އިސްލާމީ ހިދާޔަތުގައި ދެމި އޮތުމާއި، ގައުމީ ތަރިކަ ދެމެހެއްޓުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި، ބައިނަލްއަގްވާމީ ދުނިޔޭގައި ދިވެހިރާއްޖެއަކީ ސުލްހައަށް ލޯބިކުރާ އަދި ބަސްވިކޭ ގައުމެއްގެ ގޮތުގައި ދެމި އޮތުމާއި، ރިޔާސީ ނިޒާމުގެ ތެރެއިން ދިވެހިންގެ ވެރިކަމާއި ދައުލަތް ބައްޓަންކުރުމާއި، އަދުލުއިންސާފުގެ އަސާސްތައް ގާއިމުކުރުމާއި، ރައްޔިތުން ބިންވެރިކުރުވުމާއި، އަންހެނުން ބާރުވެރިކުރުވުން ފަދަ ސިޔާސަތުތައް ވަނީ ހިމަނާފަ އެވެ. އަދި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމާއި، އިޖުތިމާއީ އަދާލަތަށް އިސްކަންދީ ކަންކަން ހަރުދަނާކުރުމާއި، ރޭވުންތެރިކަމަށް އިސްކަންދީގެން ތަރައްގީ ފުޅާކުރުމާއި، ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ނިޒާމެއް ގާއިމުކުރުންވެސް ހިމެނެ އެވެ.
މެނިފެސްޓޯގައި މިކަންކަން ހާސިލްކުރުމަށް ކުރެވިދާނެ ކަންކަންވެސް ވަނީ ތަފްސީލްކޮށް ބަޔާންކޮށްފަ އެވެ.
މީގެ އިތުރަށް ގާނޫނު ހަދާ މަޖިލީސް ދެ ގެއަކަށް ބަދަލުކޮށް، ދިގު މުއްދަތަކަށް ހިދުމަތުގައި ދެމިތިބި ތަޖުރިބާ ލިބިފައިވާ އެކި ދާއިރާތަކުގެ ފަންނީ މާހިރުން އިންތިހާބުކުރެވޭ ސެނެޓެއް ގާއިމުކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ. އަދި ވެރިކަން ހިންގުމަށް ބޭނުންވާ އެކިއެކި ކަންކަމާއި، މަޝްރޫއުތައް އެކުލަވާލުމުގައި މަޝްވަރާކޮށް އެއިރަކަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމަށްޓަކައި ފަންނީ މާހިރުން އެކުލެވޭ ނެޝަނަލް ޕްލޭނިން ކައުންސިލެއް ގާއިމުކުރުމަށްވެސް މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ. ސިޔާސީ މަގާމުތައް މަދުކޮށް، ސިވިލް ސާވިސް ހަރުދަނާކުރުމުގެ ގޮތުން މެރިޓޮކްރަސީގެ އުސޫލުން ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމާއި، ސަލާމަތީ ހިދުމަތްތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުން ބަލައިގަންނަ ގޮތަށް މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމަށްވެސް އެމްއާރުއެމްގެ މެނިފެސްޓޯގައި ވަނީ ހުށަހަޅާފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ޓެކްސްގެ ނިޒާމު އަލުން ދިރާސާކޮށް ޖީއެސްޓީގެ ގޮތުގައި ނަގާ އަދަދު ތިން ޕަސެންޓަށް ކުޑަކޮށް، ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުން ނަގާ ޑިއުޓީ އުނިކުރުމަށްވެސް އެމްއާރުއެމްގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ