ބޭރުގެ ވަކިފަރާތަކުން އެދިގެން ގާނޫނު އަސާސީ ބަދަލު ކުރުމަކީ ގައުމަށް ވެވޭ އެންމެ މަތީ ހިޔާނާތްވުންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ މިއަދު ރައީސް މައުމޫންގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ވިދާޅުވީ ދިވެހިރާއްޖެގެ ބިން މިލްކު ކުރުމުގެ ހައްގު ބޭރުގެ ފަރާތް ތަކަށް ދޫކުރުމަކީ ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށާއި، މި މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމުގެ އާންމު ވޯޓެއް ނެންގެވުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީފުޅަކުން ދަންނެވުންވެސް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް، އަދި އެ ޕާޓީގެ 2013 ގެ ގައުމީ ޖަލްސާއިން ފާސްކުރައްވާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެންބަރުންގެ ވޯޓާއިއެކު ފާސްކޮށްފައިވާކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް ބޮޑެތި އެތައް ބަދަލުތަކެއް ގެނެސް ފާސްކުރިއިރު ޕީޕީއެމްގެ ކައުންސިލާއި މަޝްވަރާއެއް ނުކުރަށްވާކަމަށާ، އަދި ޕީޕީއެމް ޕީޖީ ގްރޫޕުންވެސް ޕާޓީގެ ރައީސް ގެ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެ ޕާޓީގެ ރައީސްގެ އެއްވެސް ސިޓީ ފުޅަކަށް ޖަވާބެއްވެސް ނުދެއްވާކަމަށެވެ.
ކަން މިހެން ހުރި ނަމަވެސް ޕީޕީއެމްގެ މުސްތަޝާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނު އަސާސީއަށް ގެނެވުނު ބޮޑެތި ހުރިހާ ބަދަލުތަކެއް ތަސްދީގު ކުރައްވާފައިކަމަށް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ އަތޮޅެއް ކަމަށްވާ "ފ" އަތޮޅު އެއްކޮށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހި ސަރުކާރުން ވިއްކާލުމަށް ނިންމާފައިވާ ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރިފައި ވަނިކޮށް، ޕީޕީއެމް ޕީޖީ ލީޑަރު ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށް ބުނާ އޯޑިއޯ އިން ދޭހަވާ ގޮތުގައި ފ. އަތޮޅުގެ ވާހަކަތައް ރަހުމަތްތެރި ބޭރު ގައުމެއްގެ ބަޔަކާއި ދެކެވިފައިވަނީ ވަރަށް ސިއްރިއްޔާތުގައި އަދި އެފަރާތުން މިކަމުގައި ޝާމިލުވާކަން އެނގެން ބޭނުން ނުވާ ގޮތެއްގައިކަން ހާމަވެފައިވާކަމަށެވެ.
މީގެ އިތުރުން ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ސީދާ ބޭރުގެ ވަކިފަރާތްތަކަކަށް ފ.އަތޮޅުގެ ބައެއް މިލްކުކޮށްދީ، އެފަރާތުގެ ވާރުތަ މުދަލެއް ކަމުގައި ހެދުމަށް ފާސްކުރި އިސްލާހެއް ކަމަށް އެ އޯޑިއޯގައި ބުނެފައިވާކަމަށާ އަދި ގާނޫނު އަސާސީ ބަދަލުކޮށް ކުރި ކަންތައް ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި ރައްޔިތުންނަށް މިވީގޮތް އެނގޭނީ އެފަރާތުން މިލްކު ކުރަނީ ފ. އަތޮޅުކަން އެނގޭ ދުވަހަކުން ކަމަށްވެސް އެ އޯޑިއޯގައި ބުނެފައިވާކަން މައުމޫން ވަނީ ފާހަަގަކުރައްވާފައެވެ.
އޭގެ އިތުރުން ގާނޫނު އަސާސީ އިސްލާހުކުރިއިރު ގާނޫނު އަސާސީގައި ޖަހަން ބެނުންވީ ފ.އަތޮޅު މިލްކު ކުރާފަރާތުގެ ނަންކަމަށާއި އަދި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް އެއޯޑިއޯގައި ބޭފުޅަކު ވިދާޅުވެފަވާކަމަށާ މިގޮތަށް ބޭރުގެ ވަކިފަރާތަކުން އެދިގެން، އެދުނުގޮތަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބަދަލު ކުރުމަކީ ގައުމަށް ވެވޭ އެންމެ މަތީ ހިޔާނާތްވުން ކަމުގައި ޕީޕީއެމްގެ މެންބަރުން ދެކޭ ވާހަކަކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން އެކުއިޒިޝަން ފީ އެއްގެ ގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ލިބިފައިވާ ކަމަށާއި އެއީ ކިހާ ފައިސާއެއްކަމެއް އަދި އެފައިސާ ޖަމާކޮށްފައިވަނީ ސަރުކާރުގެ ކޮން އެކައުންޓަކަށް ކަމެއް ނޭނގޭކަމަށާ މިކަން ހިނގާ ދިޔައިރު މީގެ ހަގީގަތް މަޖިލިސް މެންބަރުންނަށްވެސް ވަނީ ސިއްރުކޮށްފައިކަމަށް ގަބޫލުކުރެވޭކަމަށް މައުމޫން ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ގާނޫނުތައް ހެދިފައި ވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގެ މިލްކިއްޔާތު ރައްކާތެރިކޮށް ކަށަވަރުކުރުމުގެ ބޭނުމުގައިކަމަށާ ނަމަވެސް މިހާރުގެ ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ ބަދަލުކުރަމުން ގެންދަނީ ވަކި ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް، ދިވެހި ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ކުރުވާނޭ ގޮތަކަށް މައުމޫން ވިދާޅުވިއެވެ.
އަދި އޭގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު ބަނަވެ އަންނަން އޮތްޖީލުތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކޭކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި އޭސީސީ އާއި ރައްޔިތުންގެ މަޖިލީހުންނާއި، ކަމާބެހޭ އެހެނިހެން އިދާރާތަކުން، ލީކްވެފައިވާ މިއޯޑިޔޯގައި ހުރި ސީރިޔަސް މައްސަލަތައް ބައްލަވައިދެއްވުމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ގޮވާލާކަމަށް މައުމޫންގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވެއެވެ.
ބޭރުގެ ބަޔަކު ބުނެގެން ގާނޫނު އަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ހިޔާނާތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ