އެމްޑީޕީއާ މެދު ޖުޑިޝަރީން ފިޔަވަޅު އަޅައިފިނަމަ ސައިޒަށް ކަނޑާލެވުނީ - އުމަރު

އެމްޑީޕީން ސުޕްރީމް ކޯޓަށާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ކިޔަމުންދާ މައްސަލައިގައި ޖުޑިޝަރީން އެޕާޓީ އާއި މެދު ފިޔަވަޅު އަޅައިފިނަމަ އެމްޑީޕީ ސައިޒަށް ކަނޑާލެވުނީ ކަމަށް ޖުމްހޫރީ ގުޅުމުގައި ހިމެނޭ ޕީޕީއެމްގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން މިރޭ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާ ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި ކަމަށާއި އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ދާދި ފަހުން ސުޕްރީމް ކޯޓަކީ ކްރިމިނަލް އޮގަނައިޒޭޝަނެކޭ ވިދާޅުވެފައިވާ ކަމަށެވެ.
ޖުޑިޝަރީއަށް ހަމަލަދިނުން އެއީ އަލަށް އެމްޑީޕީން ކުރާ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ވެސް ޖުޑިޝަރީއަށް ހަމަލާދިންއިރު މިހާރު ވެސް ހަމަލާދެމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ.
"މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަކީ 7 ފެބްރުއަރީ، 8 ފެބްރުއަރީގައި މުހައްމަދު ނަޝީދު އޮތީ މުޅި ޖުޑިޝަރީ އެއްކޮށް އުވާލާ ކޯޓުތަކުގައި ތަޅު އަޅުވަން ގަސްދުކޮށްފައި، އެކަމާއި ބެހޭ ގަރާރު އޮތީ ލިޔެ ނިންމާފަ، އެގަރާރުގެ ދަށުން ސުޕްރީމް ކޯޓާއި ހުރިހާ ކޯޓުތައް ބަންދުކޮށް މުހައްމަދު ނަޝީދު އަމިއްލައަށް އުފައްދާ ޖުޑިޝަލް ސާވިސް ކައުންސިލް ކިޔާ ތަނެއް، އެތަނުގެ ވެރިޔަކަށް މާރިޔާލާ، މާރިޔާ ކައިރިއަށް އައިސް ހުވާކޮށްގެން މެނުވީ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު އެތަނަށް ނުވަދެވޭ ގޮތަށް އޮތީ މުޅި ޖުޑިޝަރީ އެއްކޮށް ހިސޯރުކުރަން ގަސްދުކޮށްފައި." އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ މިރޭ ދަންނަވާލަން މިއުޅޭ ވާހަކައަކީ ކީއްވެގެންތޯއޭ އަޅުގަނޑުމެން ޖުޑިޝަރީގެ އަނގައިގައި ދަތް ނެތީ؟ ކީއްވެގެންތޯއޭ އަޅުގަނޑުމެންގެ ޖުޑިޝަރީއަށް ދަތް އަޅަން ނުކެރިގެން މިއުޅެނީ؟ ގާނޫނު ތަން ނުދެނީތޯ؟ ނޫން، ގާނޫނު ބަރާބަރަށް ތަންދޭ." އުމަރު އިތުރަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދަތް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށާއި ގާނޫނު ވެސް އެކަމަށް ތަންދޭ ކަމަށެވެ. އަދި ޖުޑިޝަރީގެ ފަނޑިޔާރުންނާއި ދިމާލަށް ހަޅޭއްލަވައި އެތަން ބަންދުކުރަން ގޮވާ ސުޕްރީމް ކޯޓުގައި ތިބޭ މޮޔައިންނޭ ބުނެ އެފަދަ ވާހަކަތައް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް ފާޑު ކިޔުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރުމުގެ ފުރުސަތު ދެނީ ހަމައެކަނި މިގައުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މިހާރު ވެސް ޖުޑިޝަރީ ފިޔަވަޅު އަޅުއްވަބައްލަވާށޭ، ހަމަ ފިޔަވަޅު އެޅުނީ ސައިޒަށް ކެނޑުނީ، މިއީ މިކަން ހިނގާނެ ގޮތް،" އުމަރު ވިދާޅުވި އެވެ.
އުމަރު މިސާލު ދައްކަވަމުން ވިދާޅުވި ގޮތުގައި ލަންކާގައި 2003 ވަނަ އަހަރު އޭރު ރައީސަކަށް ކުމާރު ތުންގަ ހުންނެވިއިރު ސަރުކާރު ހަވާލުވެފައި އޮތީ އޭރު ލަންކާގައި އޮންނަ ސިސްޓަމްގެ ގޮތުން އިދިކޮޅު ފަރާތްތަކަށެވެ.
އެގޮތުން ކުމާރު ތުންގަ އާއި އިދިކޮޅު ފަރާތްތަކާއި ޖެހުނު މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަނިކޮށް ސަރުކާރުގެ މިނިސްޓަރަކު ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިނިސްޓަރު މައާފަށް އެދިފައިވަނިކޮށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ 2 އަހަރު ދުވަހަށް ޖަލަށްލުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.
އޭގެ އިތުރުން 7 އަހަރު ދުވަސް ވަންދެން އެއްވެސް އިންތިހާބެއްގައި ވާދަކުރުމާއި އެއްވެސް އޮފީހެއް ހިންގުން ވެސް މަނާކުރި ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެއިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ޔޫސުފް ރަޒާ ގިލާނީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް ފަރާތެއްގެ ކޮރަޕްޝަން މައްސަލައެއް ބެލުމަށް ސުޕްރީމް ކޯޓުން ގިލާނީގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެ އަމުރާއި އެއްގޮތަށް ގިލާނީ އަމަލުނުކުރެއްވުމުގެ ސަބަބުން މަގާމު ގެއްލިފައިވާ ކަމަށް 2012 ވަނަ އަހަރު ހުކުމްކޮށްފައިވާ ކަމަށް ވެސް އުމަރު ފާހަގަކުރެއްވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ކުށްވެރިކޮށްފަ، ނޫސް ބަޔާން ނެރިގެން މިގައުމު ހަމައެއް ނުޖެހޭނެ ކަމަށާއި މިގައުމު ހަމަޖެއްސޭނީ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ވަގުތުން އެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ