ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ގުޅުއްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.ޝަހީދު ހުސައިން އާދަމްއަަށް ފޯނުން ގުޅުއްވައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަމުން ވަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާއި ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެން ދާނެ ޖިހާދެއް ނޫންކަން ވިދާޅުވެފައެވެ.އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށް ހުސައިން އާދަމް ޝަހީދުވީ އުމުރުން 19 އަހަރުގައެވެ.ފުލުހުންގެ މައި މަރުކަޒަށް "ޝަހީދު ޙުސައިން އާދަމް ބިލްޑިން" ގެ ނަން ދީފައި ވަނީ ޝަހީދު ހުސައިން އާދަމްގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވީ ދިވެހި ސިފައިން ހުއްޓުމެއް ނެތި ދިން ހަމަލާތަކާ ގުޅިގެންނެވެ. ސްރީ ލަންކާގެ އުތުރުގައި ތަމަޅައިންގެ އަމިއްލަ ދައުލަތެއް ގާއިމްކުރަން ހަނގުރާމަކުރި އެއް ޖަމާއަތް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިން މާލޭ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ބޯޓު ރަހީނުކޮށް، ރޭގަނޑު ފިލައިގެން ދިޔައީ އިންޑިއާ ސިފައިން މާލެއަށް ފޭބުމުގެ ކުރިންނެވެ. އެކަމަކު ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެހެން ޓެރަރިސްޓުން އަތުލައިިގަތީ އިންޑިއާ ސިފައިންނާއި އެމީހުންނާ ދެމެދު ކަނޑުމަތީގައި ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އެވެ.ނޮވެމްބަރު 3 ގެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ