ހަވަނަ ގައުމީ މަޝްރޫއުގެ ފަހުން ހަސަން ކުރުސީ ގެއްލުން ހަވަނަ ގައުމީ މަޝްރޫއުގެ ފަހުން ހަސަން ކުރުސީ ގެއްލުން

ހަސަން ކުރުސީ ދުއްވާ ބައިސްކަލަކީ އާސާރީ ބައިސްކަލެކެވެ. އެ ބައިސްކަލު ތަޅާފައިވަނީ އުމަރުގެފާނުގެ ހަލީފާކަމުގައި ކަމަށް ކުރުސީގެ މަޖީދިއްޔާގެ ރައްޓެހިން ކިޔަ އެވެ. އެ ބައިސްކަލުގައި އޭނާގެ ގެއިން ނުކުމެގެން ހުރަވީ ބިލްޑިންގއާ ހަމައަށް ދުއްވި ފަނަރަ މިނެޓުތެރޭގައި އޭނާ ލައްކަ ކަމަކާ ވިސްނި އެވެ. ހެލްތު މިނިސްޓްރީގެ ޓްރޭނީ އޮފިސަރ ފޮ ފަންޑަމަންޓަލް ހެލްތު ރިކްއަރމަންޓްސް އިން އައިލޭންޑް ނޭޗަރ އޭ ކިޔާ ވަޒީފާއެއްގައި އޭނާ ތާށިވެފައި އެ ހުންނަނީ އެސް.އީ.ސީ ނިމުނުއިރު ފުރި ފޯމުތަކުން ފޯމެއްގައި، ކުރިއަށްދާން ބޭނުންވާ ދާއިރާއަކީ ޑޮކްޓަރުކަން ކަމަށް ޖެހުނީތީ އެވެ.
ކޮންމެ ދުވަހަކު ޓައީ އަޅައިގެން އޮފީހަށް ދިއުމާއި، ކުރެވޭކަމެއް ކުރަންޖެހޭ ކަމެއް ވަކިނުވާ ވަޒީފާއެއްގައި ގަނަތެޅުމުގައި ފައިދާއެއް ނެތްކަމާމެދު އޭނާ ކޮންމެ ދުވަހަކު ވިސްނަ އެވެ. މިއަށްވުރެ ރަނގަޅުވީހީ ޕޯޓު ކޮމިޝަނުގެ ސަރުދާރަކަށްވީނަމައޭ އޭނާ ހިތަށް އަރަ އެވެ. ވާނީ ކޮން ރަނގަޅެއްކަން ރަނގަޅުވާންވީ ކީއްވެގެންކަމެއް ނޭނގެ އެވެ. ސަލްޓަންޕާކު ގަސް އިންދާ މީހަކަށްވުން ވެސް މާ ފައިދާ ބޮޑޭ ކުރުސީގެ ހިތަށް އަރަ އެވެ. އެކަމުގައި ހުރި ފައިދާތައް އޭނާ ހިތާހިތުން ގުނާލި އެވެ. ގަސްތަކުގެ ތެރޭގައި ނިދޭނެ އެވެ. ކަމެއް ނެތި ޖައްސާލައިގެން އިނދެވޭނެ އެވެ. މަގުމަތިންދާ މީހުންގެ ގަޔަށް ފެންޖެހޭނެ އެވެ. އަމީނިއްޔާގައި ކިޔަވައިދިނުމަށް ދަތިކުރެވޭނެ އެވެ. ހުކުރު ދުވަހު ހަވީރަށް ފަރިވެގެން ޕާކަށް އަންނަ އަންހެން ކުދިންނަށް ލޯ އެޅޭނެ އެވެ. މިކަހަލަ ކިތަންމެ ހަރުދަނާ ފައިދާތަކެއް އޭނާއަށް ވިސްނުނެވެ.
މިކިޔައި ދެވުނީ ހަސަން ކުރުސީގެ މިޒާޖެވެ. ހަވަނަ ގައުމީ މަޝްރޫއުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ބައިވެރިވާނީ ހަސަން ކުރުސީކަމަށް 'ކޮޓަރިކޮޅަށް' ފޮނުއްވި ސިޓީގައި ޑިރެކްޓަރަށް ލިޔުއްވުނީ އޮޅުމަކުންނެވެ. އެ އޮޅުން އަރަން މެދުވެރިވީ ވެސް ހަސަން ކުރުސީގެ ފުށުން ޑިރެކްޓަރަށް ދިން އެތައް ކުދި އަނިޔާތަކަކަށްފަހު އެވެ. ހަފްތާއެއްހައި ދުވަހު އެތައް އުދުވާނަކާ ޑިރެކްޓަރު ކުރިމަތިލާން ޖެހިއްޖެ އެވެ.
ހުރަވީ ބިލްޑިންގގައި ކުލަލާން ލައްގާފައި ހުރި ހަރުގަނޑުގައި އަޅުވާފައި ހުރި ދަވާދު ދަޅު ޑިރެކްޓަރުގެ ބޮލަށް ވެއްޓުނީ އެ ސަރަހައްދުގައި ހަމަ އެއްވެސް މީހަކު ފެންނަން ނެތީހެވެ. ހަމަ ވެއްޓުނީ އެވެ. ދެވަނަ މައްސަލަ ޖެހުނީ ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު އެވެ. އައިނުގެ ލެންސަށް ވީގޮތެއްވެ، ހަމަ އެއްވެސް އެއްޗެއް ސާފު ނުވަނީ އެވެ. އެއީ ކުރުސީ ހިންގާލި އޮޕަރޭޝަނެކެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަންނަވަން އޮތް ވަގުތުގެ އެންމެ ފަސް މިނެޓު ކުރިން ޑިރެކްޓަރުގެ އައިނުގެ ލެންސު ބަދަލުކުރެއްވުމާއި، އޭގެ ގަޑިއިރެއް ފަހުން ނޫސްވެރިންގެ ބައްދަލުވުން ނިމުމުން އަލުން ރަނގަޅު ލެންސު ލެއްވުމުގެ ސިއްރުވެރި އޮޕަރޭޝަނެވެ. ހުރަވީ ބިލްޑިންގއާއި ޣާޒީ ބިލްޑިންގ ކުރިމަތިގައި ހުރިނަމަ ހުރިހައި ބައިސްކަލުތަކެއް ހަފަރާތުން އައިސް ޑިރެކްޓަރުގެ ގައިކޮޅަށް ވެއްޓުން އެއީ ކުރިމަތިވެވަޑައިގެންނެވި އަނެއް އުދުވާނެވެ. އެދުވަހު ޑިރެކްޓަރުގެ މޫނުފުޅުމަތީގައި ހުރި ހުރިހައި ބައިސްކަލެއް ނަގައި، ޑިރެކްޓަރު ސަލާމަތްކޮށްދެއްވީ ކުރުސީ އެވެ. އޭނާއަށް 'އިއްތިފާގަކުން' ހަމަ އެވަގުތު އެތަނަށް އާދެވުނީ އެވެ. އަނެއް ކަމަކީ ބޭރުގޭތެރޭގައި އެހުރި ގައު ފުންޏެވެ. އެއީވެސް ހަސަންކުރުސީގެ އެންގުމަށް މާމިގިލީ އޮޑިއެއްގެ ވެރިޔަކު ޑިރެކްޓަރުގެ ގެއަށް ބޭލި ގާއޮޑިއެކެވެ. އެއަށް ފައިސާ ދައްކަންޖެހިވަޑައިގަތީ ޑިރެކްޓަރަށެވެ. މި ހުރިހާ ކަމަކާމެދު ވިސްނަވަން އިންނެވިއިރު، ހަސަން ކުރުސީގެ ނަން ލިޔުއްވަން ޑިރެކްޓަރު ގަސްތުކުރެއްވީ 'އާދަޔާ ހިލާފު މައްސަލަތައް' ލިޔުއްވާ ފައިލުގަ އެވެ. އެހެންނަމަވެސް އެ ނަން ލިޔެވުނީ ހަވަނަ ގައުމީ މަޝްރޫއުއަށް ހެލްތު މިނިސްޓްރީން ފޮނުވާނޭ މީހަކު ކަނޑައަޅައި ދިނުމަށް ވެރިފަރާތުން ފޮނުއްވި ސިޓީގަ އެވެ.
އިއްތިފާގުން ހަމަޖެހުނު މި އިންތިޒާމު ވެގެންދިޔައީ ހަވަނަ ގައުމީ މަޝްރޫއުގައި އެޅުނު ބޮޑު ފަންޏަށެވެ.
ލިޔުންތެރިޔާ 'އެލެކްސް އަހުމަދު' އުފަންކުރި ހަސަން ކުރުސީއަކީ ބޭއިންސާފާ ދެކޮޅު ޝަހުސިއްޔަތެކެވެ. ޑިރެކްޓަރާއި، އެ ޒާތުގެ އެހެން ބޭފުޅުން ގެންގުޅުއްވާ ދޯހަޅި ސިޔާސަތުތަކާ އޭނާ ދެކޮޅެވެ. ދިރިއުޅުމުގައި ކުރިއަށް ދާން އެދޭ މީހާއަކީ އޭނާގެ ނަފްސު ވިއްކާލައި، ބޮޑުންގެ ބަހަށް އާނހޫނ ކިޔައިގެން ހުންނަންޖެހޭ މީހެއްކަމުގެ ބޯދާ ވިސްނުމާ ކުރުސީ ދެކޮޅެވެ. ކިޔެވިޔަސް ނުކިޔެވިޔަސް އެންމެ ރަނގަޅު ރޭޓުގައި ނަފުސު ވިއްކާލައިގެން ނޫނީ ކުރިއަށް ދެވޭތީ އޭނާއަށް ނުފެނެ އެވެ. އޭނާއާއެކު ކިޔަވަން އުޅުނު ކިތަންމެ ކުއްޖަކު އެންމެ ރަނގަޅު ރޭޓުގައި ނަފްސާއި ޖިސްމުގެ އެކި ވަކި ބައިބައި ވިއްކައި ކުރިއަރައިގެން ގޮސްފި އެވެ. ހަސަން ކުރުސީ ހުރި ފިޔަވަޅު މަތީގައި އެ ހުންނަނީ އެ މަގުން 'ގުދަށް އޮވެ ވިއްކަމުން ވިކެމުން' ކުރިއަށް ނުދާން ވެގެންނެވެ. އޭނާ ދުށް ގޮތުގައި ތައުލީމު ލިބުނީމާ މީހާ ތަންދޮރު އެނގި ލޯ ހުޅުވެންޖެހެ އެވެ. 'ތިޔަ ވިދާޅުވީ އެންމެ މޮޅު ގޮތޭ' ދަންނަވާން ކައިރީގައި ހުންނަ 'ކުޑަތާ މަލާއިކަތަކަށް' ވާން ގުދަށް އޮތުމަކީ ކުރުސީ ބޭނުންވި ކަމެއް ނޫނެވެ.
މިކަމާ ވިސްނައި ކުރުސީ ނިންމީ ދިރިއުޅުމުގައި ފަހަތަށް ދާށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަކީ މީހާ ފަހަތަށް ގެންދާނޭ ހުރިހައި އުސޫލުތައް ލިޔެފައި އޮތް ފޮތްކަން ކުރުސީ ދެނެގެންފި އެވެ. ގާނޫނުއަސާސީއާއި، ގާނޫނުތަކަށް އަމަލުކުރުމަކީ އަމިއްލަ ކުރިއެރުމަށް ހުރަސް އެޅުމެވެ. ކުރިއެރުން ލިބޭނީ ވެރިންގެ ވިދާޅުބަސްފުޅާ އެއްގޮތަށް އުޅެގެންނެވެ. ކުރުސީ އެގޮތަކާ އެއްބަހެއް ނޫނެވެ. އޭނާއަކީ ކަމުނުދާ ކުއްޖެއްކަމަށް ޑިރެކްޓަރު ނިންމީ މިކަހަލަ ކަންކަމާ ހެދި އެވެ.
ހަވަނަ ގައުމީ މަޝްރޫއުގެ ދުވަސް ލައިގެންފި އެވެ. ހަސަން ކުރުސީއަށް ޖަލްސާ ކުރާ ހޯލަށް ނުވަދެވި އުޅެނިކޮށް، އެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓްރީން ވަޑައިގެންނެވި ހޫރަލްއީނަކާ އެކީއެކަށް ހިތާވި އެވެ. ހޫރަލްއީނުގެ ދިގު އިސްތަށިގަނޑާއި، ކަޅުކުލަ ގަދަ ބުމައާއި، ހުދު ލޮލާއި، އަންނާރު އޮށްތަކެއް ފަދަ ދަތްޕިލައަށް ބަލަހައްޓައިގެން އިނދެ އޭނާ އެތެރެއިން ލައިގެން ހުންނާނީ ކޮން އެއްޗެއްބާއޭ ކުރުސީ ވިސްނަމުން ދިޔަ އެވެ. އިދާރީ މޭޒުން އަންހެން ކުދިންތަކެއް އައިސް ޖަލްސާގެ ބައިވެރިންނަށް ކަރުދާސްތައް ބަހަންފެށީ ކުރުސީ މި ހިޔާލުގައި އިންދަ އެވެ. އެކުދިން ފެނުމާއެކު ކުރުސީ އެ ހުރިހާ ކުދިންނާ އެއްފަހަރާ ހިތާވި އެވެ. އެ ކުދިންގެ މަސައްކަތް ނިންމައި ނުކުމެގެން ދިއުމާއެކު އަލުން އެޑިއުކޭޝަން މިނިސްޓްރީގެ ހޫރަލްއީނާ ކުރިއަށްވުރެ ބޮޑަށް ހިތާވި އެވެ.
އޭރު ގައުމީ މަޝްރޫއުގެ ބައިވެރިން ގެންދިޔައީ ކުޑަވެސް ބޭނުމެއް ނުހިފޭނޭ ވަރަށް މުހިންމު ވާހަކަތައް ދައްކަމުންނެވެ. އެއްބަޔަކު މުޅި ރާއްޖެއަށް ބޯފެން ދެނީ އެވެ. އަނެއް ބަޔަކު އެތަން މިތަނުގައި މަދަރުސާ އަޅައި ފާލަން އަޅައި ފަޅު ފުންކޮށް، ހޮސްޕިޓާތައް ބިނާކުރަމުން ގެންދަނީ އެވެ. ރިޔާސަތުން އެ ހުރިހާ ވާހަކައެއް އަޑުއަހާ ކަމުގައި ހަދައިގެން ލޯ ހުޅުވައިގެން ނިދާފައި އިންނެވި އެވެ. ކުރުސީ އެޑިއުކޭޝަން މިނިސްޓްރީގެ ހޫރަލްއީނާ ހިތާވަމުން ގެންދެ އެވެ. މިނިސްޓްރީގެ ހޫރަލްއީނަށް ބަލަހައްޓައިގެން އިނދެ ކުރުސީ ބޭއިހްތިޔާރުގައި ލިޔަމުން ގެންދެ އެވެ. މުޅިންވެސް ލިޔުނީ އޭނާ އެ ހޫރަލްއީނާ ހިތާވާ މިންވަރުގެ ވާހަކަ އެވެ.
އިރުކޮޅަކުން ރިޔާސަތުން އިއުލާނުކުރި އެވެ. ޖަލްސާ މެދުކަނޑާލަނީ އެވެ. ހުރިހައި ނޯޓުތަކެއް މޭޒު މައްޗަށް ގެންނާށެވެ. ދެން އެ ނޯޓުތައް އެހެން ބައިވެރިންނަށް ބަހާލާނީ އެވެ. އެހެން ހައްދަވަނީ އެ ނުކުތާތަކާމެދު އެހެން ބައިވެރިންގެ ހިޔާލު ހޯދުމަށޯލަ އެވެ. މިކަމެއް ހިނގާނީ ސައިގަޑިއަށް ފަހުގަ އެވެ. ކުރުސީ އެ ވަގުތުކޮޅު ތެރޭގައި މުޅީން އައު ނޯޓުތަކެއް ތައްޔާރުކުރައްވައި، އެޑިއުކޭޝަންގެ ހޫރަލްއީނާ ބެހޭގޮތުން އޭނާ ލިޔުނު ނޯޓުގެ މަތީގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުގެ ނަން ޖައްސަވައި ރިޔާސަތު މޭޒުކޮޅުގައި ހުރި ނޯޓުތަކުގެ ތެރެއަށް ލި އެވެ.
މިހުރިހާ ކަމެއްގެ މެދުން ކުރުސީ އަދި އެހެން އޮޕަރޭޝަނެއް ހިންގާލި އެވެ. އެއީ އޭނާއާ ޖެހިގެން އިން އޮފިޝަލު ބޫޓުން ފައި ދަމައިގަނެގެން އިނީތީ އެ ބޫޓުކިބަ ފޮރުވުމުގެ އޮޕަރޭޝަނެވެ. ޖަލްސާ މެދުކަނޑާލުމުން އެ އޮފިޝަލު ބޭރަށް ނުކުންނަންޖެހުނީ އެއް ބޫޓުކިބައިގަ އެވެ. އަނެއް ބޫޓު ކިބަ ހޯދައިހޯދައި ވެސް ނުފެނުނީ އެވެ.
ސައިގަޑި ނިމިގެން ޖަލްސާ އަލުން ފަށައި އެއްކަލަ ނޯޓުތައް ކިޔަން ފަށައިފި އެވެ. ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުގެ ނޯޓު ކިޔަން ލިބުނީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރަށެވެ. އޭނާ ހަރުއަޑުން ކިޔަން ފެށި އެވެ. 'އެޑިއުކޭޝަން މިނިސްޓްރީން އައިސް އިން ރީތި ރާނީ އެވެ. މާބަގީޗާތަކުގެ ބާނީ އެވެ. ކަލާގެ ކަންފަތް ލޮއިލުމުގެ ހުއްދަ ދެއްވާނުތޯ އެވެ.' މި ކިޔެނީ ކީކޭކަން ޑިރެކްޓަރަށް ރެޔަކާލީ މިހިސާބަށް ދިޔަތަނާ ރިޔާސަތުން އަވަސްއަވަރުވައިގަނެ އޭނާ ހުއްޓުވުމުންނެވެ.
އެޑިއުކޭޝަންގެ އޮފިޝަލް ރުޅިއައިސް ހަޅޭލަވައި، ތިޔަހައި ގޮތްކުޑަކޮށް ދިމާކުރާނޭކަން އެނގުނުނަމަ ނުވެސް އައީމުހޭ ބުނުމާއެކު އޭނާ އިށީނދެގެން އިން ގޮނޑި ނަގައި ހޫރުވާލުމުން އެ ގޮނޑިން ޖެހުނީ ޓްރާންސްޕޯޓު މިނިސްޓަރުގެ ޑިރެކްޓަރުގެ ފައިގެ ކަށިމަތީގަ އެވެ. އޭނާ އަލިފާނޯއިއޭ ކިޔައި ހަޅޭލަވައިގަތުމާއެކު ފައިގައި އަތް އުނގުޅައިލަން ގުދުވިއިރަށް ހަމަ އެހައި ބާރަށް މޭޒުގައި ބޯ ޖެހުނެވެ. އެ ވޭނުގައި އުޅެނިކޮށް އެޑިއުކޭޝަންގެ އަންހެން އޮފިޝަލު ރިޔާސަތުގެ މައިކު ވެސް ހޫރުވާލާފައި ނުކުމެގެން ގޮސްފި އެވެ. ހަމަ އެވަގުތު ބޫޓުކިބަ ގެއްލިގެން އުޅުނު އޮފިޝަލަށް އޭނާގެ ބޫޓުކިބަ ފެނުނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުގެ މޭޒުދަށުންނެވެ. ބަލައިބަލާށޭ ކިޔައި ގޮސް އަނެއް ކިބައިން ޑިރެކްޓަރަށް ހަމަލާ ދީފި އެވެ. ބޫޓުކިބަ ގެއްލުނު އޮފިޝަލަށް ހިތްވަރު ދޭ މީހުންނާއި، ޑިރެކްޓަރުގެ ސަލާމަތަށް ރުކުރުވާރެލުވުނު އޮފިޝަލުންގެ ފައުޖުތަކާއެކު ހަވަނަ ގައުމީ މަޝްރޫއުގެ މުޅި މާލަމުގައި އޮތީ ތަޅައިފޮޅުމާއި ހަމަނުޖެހުމެވެ. ކުރުސީ ހިނިއައިސްފައި ދުރުގައި ބަލަން ހުރީ އެވެ. އެރޭގެ އަށެއްގެ ހަބަރުން ކިޔާތީ އޭނާ އަޑުއެހީ ހަވަނަ ގައުމީ މަޝްރޫއު ފިސާރި ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށެވެ.
މަތީގައި އެވަނީ ލިޔުންތެރިޔާ 'އެލެކްސް އަހުމަދު' އުފަންކުރި ކުރުސީގެ ޝަހުސިއްޔަތާއި އޭނާގެ ވާހަކަ އެވެ. ލާނެތް، ސަކަ މިޒާޖުގެ ކުރުސީ ގެންދިޔައީ ރާއްޖޭގެ ދިރިއުޅުމުގެ ހުރިހައި އެތުރުންތަކާއި ބޯދާ ގަބޫލުކުރުންތަކަށް ކޮންމެ ދުވަހަކު ގޮންޖަހަމުންނެވެ. ޑިރެކްޓަރަށް ދޭ ލަގާތަކަކީ އޭނާގެ އުދާސް ބޭރުކޮށްލާ ގޮތެވެ. އޭނާ ތަބާވާން ބޭނުންވީ ގާނޫނުއަސާސީއަށެވެ. ވެރިންގެ އަމުރާއި ފެނިވަޑައިގެންނަވާ ގޮތްތަކަކަށް ނޫނެވެ. އޭނާ ފޮރުވިގެން ހުރެ މީހުންނަށް ކުޅަ ފުރައްސާރަތަކާއި، ދިން ލަގާތަކަކީ އެ ބޭއިންސާފުވެރިކަމުގެ ތެރޭގައި އަމިއްލަ ހިތަށް ދިން ތަސައްލީ އެވެ.
ހަވަނަ ގައުމީ މަޝްރޫއު ނިމުނު ފަހުން ހަސަން ކުރުސީ ގެއްލުނީ އެވެ. އޭގެ އެތައް އަހަރުތަކެއް ފަހުން، އާމިނަތު ޔޫލާއާއެކު ނޫސްވެރިކަމުގެ މަސައްކަތެއްގައި ހަސަން ކުރުސީ އުޅުނެވެ. ގަލޮޅު ތިރިވާގޭ އާދަމް ޒުހުރީ ގެ މަރުގެ މައްސަލައިގެ ނިކަން ފުރިހަމަ ތަހުގީގެއްގައި ޔޫލާގެ ދަށުން ކުރުސީ މަސައްކަތްކުރި އެވެ. އެހެންނަމަވެސް، އެ 'ޗާލާ ޒަމާނު' ގައި ކުރުސީ އަދާކުރީ ކުޑަ ދައުރެކެވެ. އެ ޒަމާނުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ގޮތުން، ކުރުސީގެ ކަންކަން ހުންނަ ގޮތް ދެކި، އޭނާގެ ތައާރަފެއް ލިބުމަކީ ކޮންމެކޮންމެ މީހަކަށް އޮތް ފުރުސަތެއް ނޫނެވެ. ހަވަނަ ގައުމީ މަޝްރޫއުއާއި، ޗާލާ ޒަމާނަށްފަހު ލައްކަ ދުވަހަކު ފޮރުވިގެން ހުރެފައި ފާޅުވީ ހަމަ އެ ކުރުސީ އެވެ. އެކަމަކު އޭނާ އަނެއްކާވެސް ގެއްލިއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ