އުމަރު ނަސީރު ރައީސް ވަހީދަށް ތާއީދުކުރައްވަން ނިންމަވައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ރައީސް ވަހީދުގެ ގައުމީ އިއްތިހާދާއި ބައިތު ހިއްޕަވަން ނިންމަވައިފި އެވެ.
އެމްވީޔޫތަށް ވަނީ މުއުތަބަރު ފަރާތަކުން މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ޕީޕީއެމް ޕްރައިމަރީގައި އުމަރު ނަސީރުގެ ކެމްޕެއިންގައި ހަރަކާތްތެރިވި އިސް ފަރާތަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
ޕީޕީއެމް ޕްރައިމަރީގައި އާއި އަދި ޕްރައިމަރީއަށްފަހު ވެސް އުމަރަށް ތާއީދުކުރާ އެފަރާތުން ވިދާޅުވީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް އެކަމުގައި މާބޮޑު މައްސަލައެއް ނެތް ކަމަށާއި ޕާޓީއިން ވަކިކުރިޔަސް ނުކުރިޔަސް އުމަރު ނަސީރު ރައީސް ވަހީދަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
"ވަކިކޮށްފިއްޔާ ގިނަ މެންބަރުންތަކެއް އުމަރު ނަސީރާއި އެކީގައި ގުޅޭނީ ގައުމީ އިއްތިހާދާއި، އަދި ވަކި ނުކުރެއްވި ކަމުގައިވިޔަސް އުމަރު ނަސީރާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވޯޓުދޭނީ ރައީސް ވަހީދަށް." އޭނާ ވިދާޅުވި އެވެ.
ނަން ހާމަކުރަން ބޭނުންނުވާ އެފަރާތުން ވިދާޅުވީ އުމަރު ނަސީރު ޕީޕީއެމްއިން ވަކިކުރައްވައިފިނަމަ އޭނާ ގައުމީ އިއްތިހާދު ޕާޓީ އާއި ގުޅިވަޑައިގަންނަވާނީ އެތައް ހާސް މެންބަރުންނާއިއެކީގައި ކަމަށެވެ.
އަދި އުމަރު ނަސީރަކީ ޕީޕީއެމްގެ ބާނީ ކަމަށް ވެސް އެފަރާތުން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށްފަހު އުމަރު ނަސީރު އާންމު ތަންތާންގައި ޕީޕީއެމް އާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ގުޅިގެން ދެއްކި ވާހަކަތަކާއި މެދު އަޅާނެ ފިޔަވަޅެއް މާދަމާ ސުލޫކީ ކޮމިޓީން ނިންމާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ