ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކުރާ މީހުންނާ ދެކޮޅަށް އިތުރު ފިޔަވަޅެއް އަޅާނީ މަޝްވަރާތަކަށް ފަހު: އުމަރު

ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުންނާ އެކު މިހާތަނަށް ބޭއްވި މަޝްވަރާތަކަށް ބަލާއިރު ދީނުގައި އެކަން އޮންނަ ގޮތަށް އެ މީހުން ރުޖޫއަ ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކުރާ މީހުންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މަރުހަލާ އަކީ މަޝްވަރާކޮށް، ދީނީ ގޮތުން އެކަން އޮންނަ ގޮތް ބުނެދީ، އެ މީހުން އިސްލާހުކުރުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި "އެކަން އެ ގޮތަށް ވޯކް ނުކުރާނެ ކަމަށް ގަބޫލުކުރެވޭ ހިސާބުން" ނޫނީ އިތުރު ފިޔަވަޅެއް ނާޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މިހާ ހިސާބަށް ދެއްކި ވާހަކައިން ގަބޫލުކުރެވެނީ އިރާދަކުރެއްވިއްޔާމު ދީނުގައި އެކަން އޮންނަ މަގަށް އެ ބޭފުޅުން އަނބުރާ އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވިޔަސް އެކަން ހުއްޓުވުމަކީ ޝީލްޑް ހިފައިގެން ގޮސް ހުއްޓުވުން ނޫން ކަމަށެވެ. އެހެންވެ ކަމުގެ ބާވަތުން، އެކަން ކުރާ މީހުންނަށް ނަސޭހަތްދީ، ދީނުގައި އެކަން އޮންނަ ގޮތް ބުނެދެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ ފަރާތްތައް ހާޒިރުކޮށް، ނަސޭހަތްދީ، މަޝްވަރާ ކުރުމުގެ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކުރުން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން އަންގައިގެން ސިޓީ ކައުންސިލުން މި އަހަރުގެ ފެބްރުއަރީ މަހު ދަރުމަވަންތަ މިސްކިތް ބަންދުކޮށްފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެކަން ހުއްޓާނުލައި ކުރިއަށް ގެންދާތީ ހޯމް މިނިސްޓްރީން ބުނެފައި ވަނީ ދެން އެ މައްސަލަ ހައްލުކުރާނީ އިސްލާމިކް މިނިސްޓްރީއާ އެކު މަޝްވަރާކޮށްގެން ކަމަށެވެ. އެހެން މިސްކިތްތަކަށް ވުރެ އަވަހަށް ހުކުރުކުރާ ދަރުމަވަންތަ މިސްކިތުގައި މިހާރު ވެސް ގަވާއިދު އެކަން ކުރަމުންދެ އެވެ. އަދި ހަރުކަށި ވިސްނުންތަކަށް ތާއިދުކޮށް ހުތުބާދެ އެވެ. ފަހަކަށް އައިސް ގިނަ އަދަދެއްގެ ކުޑަކުދިން ވެސް އެ މިސްކިތައް ނަމާދަށް ދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް އެއްކޮށް ތައްޔާރުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެއްވެސް ހުކުމެއް ތަންފީޒުކުރާ ހަމައަށް އަތުވެއްޖެ ނަމަ އެކަން ތަންފީޒުކުރައްވާނެ ކަމަށެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް، އޭޕްރީލް 27 ގައި ވަނީ އަމަލުކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ