އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތިން ފަނޑިޔާރުންގެ މަޖިލީހަކުން ބެލުމަށް ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާ ވެސް ބަލާނީ ތިން ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ ޑިޕާޓްމެންޓުން މިއަދު މައުލޫމާތު ދިން ގޮތުގައި އެމައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ ގޮތަށް މިހާރުވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. ފަހުން އެމައުލޫމާތު ހާމަ ކުރާނެ ކަމަށް ވެސް އެޑިޕާޓުމެންޓުން މައުލޫމާތުދެއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހީމު ކަލޭފާނާއި ރިޓަޔާޑް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި، ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމުދީދީއާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެމައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ނިންމާފައިވަނީ ޖަސްޓިސް ބިލްޑިންގުގެ ތިރީ ބައިގައެވެ. މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ