ވިލާދަށުގޭ އަބްދުﷲ ރަޝީދު އަވަހާރަވެއްޖެ

މާލޭގެ ވަރަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ އަދި ސްޓާ ސިނަމާގެ ބާނީ މ. ވިލާދަށުގޭ އަބްދުﷲ ރަޝީދު މިއަދު މެންދުރު އަވަހާރަވެއްޖެ އެވެ. ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަސްމާ ރަޝީދުގެ ބައްޕަ އަބްދުﷲ ރަޝީދު އަވަހާރަވީ އުމުރުން 83 އަހަރުގައި، ކުޑަ ދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނީގައި ކެޕްޓަނެއްގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަބްދުﷲ ރަޝީދު ވަނީ އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން 1982 ގައި މާލޭގައި ހުޅުވި ސްޓާ ސިނަމާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސިނަމާ އެވެ. އަސްމާގެ އިތުރުން ދިވެހި ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކުރެއްވި އަސްލަމް ރަޝީދާއި އޭނާގެ ކޮއްކޮ ޝިހާމް ރަޝީދަކީ ވެސް އަބްދުﷲ ރަޝީދުގެ ބޭފުޅުންނެވެ. ދެން ތިއްބެވީ ސަލްމާ ރަޝީދާއި ސީމާ ރަޝީދު އަދި އައިމިނަތު ހާނިމް އެވެ. ސަލްމާ އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯގެ އިސް މަގާމެއްގައި ބޭރު ގައުމުތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަބްދުﷲ ރަޝީދު އަވަހާރަވި އިރު ކާފަ 12 ބޭފުޅުންނާއި މުނިކާފަ ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) އަކީ އޭނާ އަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. އަބްދުﷲ ރަޝީދު އަވަހާރަ މިވީ އަނބިކަނބަލުން އަފީފާ އަވަހާރަވިތާ ތިން މަސް ވީ ދުވަހު އެވެ. ވަރަށް މަޑުމައިތިރި އެކަމަކު މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު އަބްދުﷲ ރަޝީދުގެ އިޖުތިމާއީ ހިދުމަތްތަކުގެ ތެރޭގައި އަރިއަތޮޅުގެ ބައެއް ރަށްރަށުގައި ހަދައިދީފައިވާ ޕްރީ ސްކޫލްތަކާއި މަހިބަދޫގައި އިމާރާތްކުރެއްވި މަސްޖިދުލް އިހުސާން ހިމެނެ އެވެ. އަބްދުﷲ ރަޝީދު ޒުވާން އިރުގެ ފޮޓޯއެއް: އޭނާ އަކީ އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް މުންދު ވިދާޅުވި ގޮތުގައި އަރިއަތޮޅަށް ވަރަށް ޚާއްސަ ލޯތްބެއް ބެހެއްޓެވީ ކުޑައިރުއްސުރެ އޮތް ގާތް ކަމެއްގެ ސަބަބުންނެވެ. "ކާފަގެ ބައްޕަ އަކީ އަރިއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅެއް. އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް ކާފަ އުފަންވީ ވެސް މަހިބަދުއަށް. އެހެންވެ ކުރިންސުރެ ވެސް ވަރަށް ލޯބިވާނެ މަހިބަދޫ އާއި އަރިއަތޮޅު ދެކެ،" މުންދު ވިދާޅުވި އެވެ. "މަހިބަދޫގެ އިތުރުން ހަތަރު ފަސް ރަށެއްގައި ކާފަ ޕްރީ ސްކޫލް އިމާރާތްކޮށްދެއްވި. އެނޫނަސް އިޖުތިމާއީ ގޮތުން އެހީތެރިކަން ވެދެއްވި. ކުޅިވަރު ޓީމުތަކަށް ވެސް އެހީ ދެއްވި،" މުންދު ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި އުފެއްދެވި ހައްޖު ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ރަޝީދު އެންމެ ބޮޑަށް މަޝްހޫރުވީ، 1982 ގައި އޭރުގެ ނިސްބަތުން ވަރަށް ފެންވަރު މަތިކޮށް ހެދި ސްޓާ ސިނަމާ އާއި މުނިފޫހިފިލުވުމުގެ އެހެން ކަންކަމުގެ ތެރެއިންނެވެ. ސްޓާ ސިނަމާ ހުޅުވަން އިންޑިއާގެ މަޝްހޫރު ރިޝީ ކަޕޫރާއި ނީޓޫ ސިންގް ފަދަ ތަރިން ގެނައި ދުވަސް، އޭރުގެ ގިނަ ދިވެހިންގެ ހިތްތަކުން އަދިވެސް ފޮހެވިގެންނެއް ނުދާނެ އެވެ. އޭގެ އިތުރުން މާލޭގައި އެންމެ ފުރަތަމަ ޓެކްސީ ސެންޓަރެއް ހިންގެވީ ވެސް އަބްދުﷲ ރަޝީދެވެ. އަދި އެހެން ބައެއް ވިޔަފާރިތަކުގައި ވެސް އުޅުއްވި އެވެ. އެގޮތުން ސްޓާ ސިނަމާގެ ތިރީގައި، 1980 ގެ އަހަރުތަކުން ފެށިގެން 1990ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށް ހިންގި ސްޓާ ރެސްޓް ހޮޓަލަކީ އޭރު މާލެ އަށް ވަރަށް މަޝްހޫރު ތަނެކެވެ. އެތަނުގެ އެތެރޭގައި އޭސީއާ އެކު ހެދި ވީއައިޕީ ބަޔަކީ، އެދުވަސްވަރު މާލޭގެ ހޮޓާ/ރެސްޓޯރެންޓް ފަދަ ތަންތަނަށް ނަމޫނާއެކެވެ. އަމިއްލަ އުޅަނދުފަހަރުގައި މަސްވެރިކަން ކުރެއްވުމަކީ، ކުރިންސުރެ އޭނާގެ ވަރަށް ބޮޑު ހޮބީއެކެވެ. "ކާފަ އެންމެ ލޯބިކުރެއްވި ކަމަކީ މަސްވެރިކަން. ވަރަށް ފަހަކާ ޖެހެންދެން ވެސް މަހަށް ވަޑައިގަންނަވާނެ،" މުންދު ވިދާޅުވި އެވެ. "ބޯހިމަނަން މީހުން އައިސް ސުވާލުކުރާ އިރު ވިޔަފާރިވެރިއެއްތޯ އެހިޔަސް ވިދާޅުވާނީ ތިމަންނަ އަކީ މަސްވެރިއެކޭ. އެހާވެސް މަސްވެރިކަމަށް ލޯބިކުރެއްވި. ހަފުތާއަކު ހަތަރު ފަސް ދުވަހު މަހަށް ދާނެ." އަތްމަތި ތަނަވަސް ބޭފުޅެއް ނަމަވެސް އަބްދުﷲ ރަޝީދުގެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބައިސްކަލް ދުއްވުން ދޫކޮށްނުލެއްވުމެވެ. އާލާސްކަންފުޅު ޖެހިގެން ދާދި ފަހުން ބައިސްކަލް ދުއްވުން ހުއްޓާލެއްވުމާ ހަމައަށް އޭނާގެ ސަވާރީއަކީ ބައިސްކަލެވެ. "އަޅުގަނޑަށް ކާފަ ފެނުނީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި. އެ ކުރައްވާ ކަމެއް ގަވާއިދުން ކުރައްވާނީ." އަބްދުﷲ ރަޝީދުގެ މޫނު ދެއްކުން އޮންނާނީ މ.ކޮތަންމާގޭގަ އެވެ. ކަށުނަމާދު ކުރާނީ މިރޭ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ