ފިލިޕީންސްގެ ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަ، މުޅި ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ތެލުގެ ސަޕްލައިއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުންނެވެ.
މާކޯސް ވިދާޅުވީ، މި އިއުލާނާ އެކު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށެވެ.
އެއް އަހަރުދުވަހުގެ މުއްދަތަށް އިއުލާނުކުރި މި ހާލަތުގެ ދަށުން، ކަމާ ބެހޭ ފަރާތްތަކަށް ކުރިއަށް އޮތް ތަނަށް ބޭނުންވާ ތެޔޮ ކުރިއާލާ ހޯދުމުގެ ބާރު ލިބިގެންދާނެ އެވެ. އަދި ޒަރޫރީ މުދާ ފޯރުކޮށްދިނުން ކަށަވަރުކުރުމާއި ތެޔޮ ފޮރުވައިގެން ނުވަތަ ނަހަމަ ގޮތުގައި އަގުބޮޑުކޮށް ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ވެސް ލިބޭނެ އެވެ. މީގެ އިތުރުން، ތެލުގެ ސަޕްލައި ޗެއިން މެނޭޖްކުރުމަށްޓަކައި ސަރުކާރުގެ ހާއްސަ ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.
އެ ގައުމުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މިވަގުތު ފިލިޕީންސްގައި ހުރީ ގާތްގަނޑަކަށް 45 ދުވަހަށް ބޭނުންވާ ތެލުގެ ރިޒާވެކެވެ. އަދި އިތުރު އެއް މިލިއަން ފީފާ ތެޔޮ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްބެސެޑަރު ހޯސޭ މެނުއަލް ރޮމުއަލްޑޭޒް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމުތަކުން ތެޔޮ ހޯދުމާ މެދު ވެސް ވިސްނަމުންދާ ކަމަށާއި ހުރިހާ ގޮތަކުން ވެސް ތެޔޮ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި އިއުލާނު ނެރެފައިވަނީ ތެލުގެ އަގުބޮޑުވުމާ ގުޅިގެން ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި އާންމުން މުޒާހަރާކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މި ނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބާރުއަޅަމުންދަނީ ތެލުން ނަގާ ޓެކްސް ކުޑަކުރުން ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ސަރުކާރުގެ މިހާރުގެ ނިންމުންތަކުން ތެލުގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ އަސްލު މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް އެ ފަރާތްތަކުން އިންޒާރުދެ އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ މި ހީނަރުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ބައެއް ސަރަހައްދުތަކުގައި ސަބްސިޑީ ދިނުމާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ހިލޭ ފޯރުކޮށްދިނުން ފަދަ ކަންކަން ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.
ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ